އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ވިލިމާލެ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލު ހިންގުމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ގަވަނިން ބޯޑެއް އުފައްދަވައިފި އެވެ.

އެކަން އިއުލާންކުރެއްވީ ހެލްތް މިނިސްޓީގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ.

މިނިސްޓަރު ވިދާޅުވީ ގަވަނިން ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ފަސް ބޭފުޅުންނަކީ ރިޓަޔާޑް ބްރިގޭޑިއާ ޖެނަރަލް ފަރުހަތު ޝަހީރާ އާއި ޑަބްލިޔު އެޗުއޯގެ ކުރީގެ އެސިސްޓެންޓް ރީޖަނަލް ޑައިރެކްޓަރު ޑރ. އަބްދުއްސައްތާރު ޔޫސުފާއި އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާފައިވާ ޑރ. އަބްދުލް އަޒީޒާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޕާމަނަންޓް ސެކްރެޓްރީ ޔޫސުފް ރިޒާ އާއި ޕްލޭނިން ޑިޕާޓްމަންޓްގައި މަސައްކަތް ކުރައްވާ، އައިޝަތު ސާދު އެވެ.

އައިޖީއެމްއެޗްގެ ޗީފް އެގްޒެކިޓިވް އޮފިސަރު (ސީއީއޯ) މަގާމަށް ފަރުހަތު ޝަހީރު ވަނީ ހަމަޖައްސަވާފަ އެވެ. އަދި އައިޖީއެމްއެޗްގެ މެޑިކަލް ސާވިސްގެ ޑިރެކްޓަރު ޖެނަލްގެ މަގާމަށް ޑރ. އަބްދުﷲ ވަހީދު ހަމަ ޖައްސަވައި، ނާސިން ސާވީސްގެ ޑިރެކްޓަރު ޖެނަރަލްގެ މަގާމަށް މައިމޫނާ ސުޖާއު އައްޔަންކުރައްވާފަ އެވެ.

ނާޒިމް ވިދާޅުވީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ބޯޑުގެ ބައްދަލުވުންތައް ބާއްވައި މަސައްކަތްތަކާ އެ ބޭފުޅުން ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަންނަ އާދިއްތަ ދުވަހުން ފެށިގެން މި ބޭފުޅުން މަސައްކަތައް ނުކުންނަވާ، އިރާދަކުރެއްވިއްޔާ ތަފާތެއް އަޅުގަނޑުމެންނާ ހިސާބަށް ގެނެސްދޭނެ،" ހެލްތު މިނިސްޓްރީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ގެނައި ބަދަލާއެކު އެ ހޮސްޕިޓަލުތައް މިނިސްޓްރީން މޮނިޓާ ކުރާނެ އެވެ. އަދި އެ ހޮސްޕިޓަލްތަކުގެ ހުރިހާ ކަމެއް ނިންމާނީ ބޯޑުގެ މަޝްވަރާގެ މަތިންނެވެ.

"ބޯޑުގެ މަސައްކަތަކަށް ވާނީ މި ތިން ހޮސްޕިޓަލުގެ [އައިޖީއެމްއެޗް، ވިލިމާލެ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް] ގެ ހިންގުން ހަރުދަނާކުރުމާއި ކަންކަން ރާވައި އެތަންތަނުގެ ހިދުމަތްތައް ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންތައްތަށް ކުރުން. ހެލްތް މިނިސްޓްރީގެ ރޯލަކަށް ކުރިއަށް އޮތްތާގައި ވެގެންދާނީ ހޮސްޕިޓަލްތައް ރެގިއުލޭޓް ކުރުން. އަޅުގަނޑުމެން މިނިސްޓްރީއަކާ ޑޮކްޓަރުންނަކާ ގުޅުމެއް ނޯންނާނެ. ސިދާ ގަވަނިން ބޯޑުގެ ދަށުން އެގްޒެކްޓިވް އޮފިސަރު ސީދާ އެތަންތަން ކުރިއަށް ގެންދަވާ ގޮތަކަށް [ކުރިއަށްދާނީ]،" ނާޒިމް ވިދާޅުވި އެވެ.