ރާއްޖޭގެ ބޭސްފިހާރަތަކުގައި މަސައްކަތްކުރާނެ 1000 އެސިސްޓަންޓް ފާމަސިސްޓުން ތަމްރީންކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ. އަދި އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ޓިވެޓާއި އެޑިއުކޭޝަނުން ކުރިއަށް ގެންދާ "ދަސްވަރުކަން" ޕްރޮގްރާމްގެ ތެރެއިން ކޮންމެ ރަށަކުން ފަސް ކުދިން ނަގައިގެން ހިންގުމަށް ހަމަޖެހިފައިވާ އެ ކޯހަކީ ހަ މަހާ އަށް މަހާ ދެމެދުގެ ކޯހެއް ކަމަށެވެ.

އެގޮތުން އެ ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލުކުރާ ފެންވަރުގެ ލެވެލް ހަތަރެއް ނުވަތަ އެޑްވާންސް ސެޓްފިކެޓް ލެވެލްގެ ސެޓްފިކެޓެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެސްޓީއޯ އިން ކޮންމެ ރަށެއްގައި ގާއިމްކުރަމުންދާ ބޭސްފިހާރަތަކުންނާއި އަމިއްލަ ބޭސްފިހާރަތަކުން އެ ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް ވަޒީފާގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.

ރަސްމިއްޔާތުގައި ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން އެސްޓީއޯގެ އެޗްއާރު ސީނީއާ ޖެނެރަލް މެނޭޖަރު އާޝާން ވިދާޅުވީ، މިފަދަ ކޯހެއް ހިންގުމަށް ނިންމީ ރަށްރަށުގައި އެސްޓީއޯ އިން ހުޅުވަމުންދާ ފާމަސީތަކަށް ފާމަސިސްޓުން ލިބުން ދަތިކަމުންނާއި ބައެއް ރަށްރަށަށް އަދިވެސް ފާމަސިސްޓުން ލިބިފައިނުވާތީ އެކަމަށް ހައްލެއް ހޯދުމަށް ކަމަށެވެ.

އެގޮތުން އެ ކޯސް ކުރިއަށްދާނީ ރަށުގައި ތިބެގެން ކޯސް ފުރިހަމަ ކުރެވޭ ގޮތަށް ކަމަށާއި ކުރިއަށް އޮތް ހަފްތާ އެއްގެ ތެރޭގައި ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފާމަސިސްޓުން ތަމްރީން ކުރުމަށް ފަށާ އެ ކޯހަށް ކުރިމަތިލެވޭނީ ޖީސީ އޯ ލެވެލް އިމްތިހާނުން އެންމެ ދަށްވެގެން ތިން މާއްދާއިން "ސީ" ފާސް ލިބިފައިވާ ދަރިވަރުންނަށެވެ. އަދި ކޯހުގެ ބައިވެރިން އޮންލައިންކޮށް ވަކި ސެޝަންތަކެއް ނަގަންޖެހޭއިރު، ވަޒީފާގެ މާހައުލުން ތަޖުރިބާ ހޯދަންވެސް ޖެހެ އެވެ.

"އޮކްޓޯބަރު މަހުގެ ތެރޭގައި ކުދިން ނެގުމުގެ މަސައްކަތް ކައުންސިލުތަކާއި ގުޅިގެން ކުރަމުންދާނެ. އަދި ފުރަތަމަ ބެޗްގެ ޓްރެއިނިން އޮކްޓޯބަރު މަހުގެ ތެރޭގައި ފެށިގެންދާނެ. ޕްރޮގްރާމުގައި ދަރިވަރުން 700 ގަޑިއިރު ހޭދަކުރަންޖެހޭނެ. އެގޮތުން 200 ގަޑިއިރު އޮންލައިންކޮށް ކިޔަވަންޖެހޭނެ. އަދި ބާކީ 500 ގަޑިއިރަކީ ސެޓިފައިޓް ފާމަސިސްޓަކާއި އެކު ތަމްރީން ހޯދުން. އެ ފުރުސަތު އެސްޓީއޯގެ ބޭސްފިހާރަތަކުން ލިބިގެންދާނެ،" އެސްޓީއޯގެ އެޗްއާރު ސީނީއާ ޖެނެރަލް މެނޭޖަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ ތަމްރީން ޕްރޮގްރާމް ވިލަރެސް ކުރުމަށް ހަމަޖެހިފައިވަނީ އެ އަތޮޅެއްގެ އަތޮޅު ކައުންސިލުން ކަމަށެވެ. އެގޮތުން އެ ތަމްރީންތައް އަތޮޅު ތެރޭގައި ވިލަރެސް ކުރުމާއި ގުޅޭގޮތުން އިތުރު އެއްބަސްވުމެއްގައި އަތޮޅު ކައުންސިލްތަކާއެކު ސޮއިކުރާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.