04 Sep 2014, 15:40
މިހާރު ނިއުޔޯކުގައި ކުޅެމުންދާ ޔޫއެސް އޯޕަން ޓެނިސް ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިންލްގައި އިނިގިރޭސިވިލާތުގެ އެންޑީ މަރޭ ބަލިކޮށް ސާބިއާގެ ނޮވަކް ޖޮކޮވިޗް އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ދުނިޔޭގެ އެއް ނަންބަރު ޓެނިސް ކުޅުންތެރިޔާ ޖޮކޮވިޗް، އެންޑީގެ މައްޗަށް ކުރި ހޯދީ ތިން ސެޓު އެއް ސެޓުންނެވެ.
ފުރަތަމަ ދެ ސެޓުގައި ވާދަވެރި ކުޅުމަކަށްފަހު ދެކުޅުންތެރިންވެސް ސެޓުތައް ހަމަހަމަ ކުރި އެވެ. ދެ ސެޓުގައިވެސް ޓައި-ބްރެކްއަށް ކުޅުމަށްފަހު ފުރަތަމަ ސެޓުން ޖޮކޮވިޗް އަދި މަރޭ ދެވަނަ ސެޓުން މޮޅުވީ 7-6 ނެވެ.
މަރޭގެ ފަރާތުން ވަރުބަލިކަން ފެނި އޭގެ ނަތީޖާއެއްގެ ގޮތުން ފަހު ދެ ސެޓް ޖޮކޮވިޗް ނަގައި އަނެއްކާވެސް އިތުރު ގްރޭންޑް ސްލޭމް އެއްގެ ސެމީއަކުން ޖާގަ ހޯދިއެވެ. ޖޮކޮވިޗް ސެޓުތައް ގެންދިޔައީ 6-2 އަދި 6-4 އިންނެވެ.
މެޗައްފަހު ޖޮކޮވިޗް ބުނީ "މިސްޓޭކް" ތައް ހެދުނު ނަމަވެސް ދެ މީހުންވެސް "ބެސްޓް" ދެއްކި ކަމަށާއި މޮޅުވުމުން އުފާވާ ކަމަށެވެ. އަދި މިއީ ވަރަށް ފިޒިކަލް ކުރިމަތިލުމެއް ކަމަށާއި މެޗް ކުޅެމުން ދިޔައިރު އެއްވެސް ވަރަކަށް އުއްމީދު ގެއްލުވާ ނުލާކަމަށް އޭނާ ބުންޏެވެ.
މަރޭ ބުނީ ޔަގީނުންވެސް ފިޒިކަލީގޮތުން ރޭގެ މެޗުގައި ޖޮކޮވިޗް މާ ބޮޑަށް ޕްރެޝަރަށް ދިޔަ ކަމަށެވެ. މެޗް ގައި ދެއްކޭނެ އެންމެ ރަނގަޅު ކުޅުމެއް ދެއްކޭތޯ މަސަތްކަތް ކުރި ކަމަށާއި އެހެންނަމަވެސް ތިންވަނަ ސެޓާއި ހަމައިން މަޑުމަޑުން ފުރަތަމަ ސާވް ގެއްލުނު ކަމަށް މަރޭ ބުންޏެވެ.
މިދިޔަ އަހަރު ވިމްބްލްޑަން މުބާރާތަށްފަހު ފޯމް ގެއްލުނު މަރޭއަށް ވަނީ މިއަހަރުގެ އޭޓީޕީ ފައިނަލްސް އިންވެސް ޖާގަ ގެއްލިފައެވެ.
ޔޫއެސް އޯޕަން ސެމީގައި ޖޮކޮވިޗް ވާދަކުރަން ޖެހޭނީ ހައިރާންކުރުވަނިވި ގޮތަކަށް ސްވިޒަލޭންޑްގެ ސްޓާންސިލާސް ވާއުރިންކާ ބަލިކުރި ޖަޕާނުގެ ފެ ކެއި ނިޝިކޯރީ އާއެވެ.