04 Sep 2014, 15:20
ވޯލްޑް ކެރަމް ޗެމްޕިއަންޝިޕް ފަދަ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއް ރާއްޖޭގައި ބޭއްވިގެންދާކަމީ އޭގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް ލިބިގެންދާ ކަމެއްކަމަށް ކުޅިވަރާބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
ނަސަންދުރަ ޕެލެސް ހޮޓެލުގައި ރޭ ކެރަމް ވޯލްޑް ކަޕް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މަލީހު ވިދާޅުވީ ބައިނަލްއަގުވާމީ މިފަދަ ބޮޑު މުބާރާތެއް ރާއްޖޭގައި ބޭއްވޭކަމީ ރާއްޖެއަށް ލިބިގެންދާ ފަހުރެއް ކަމަށެވެ.
"މިއީ ދުނިޔޭގައި ބޭއްވޭ އެއްމެ ބޮޑު އަދި އެއްމެ ޝަރަފުވެރި ކެރަމް މުބާރާތް. އެހެން ކަމުން މިފަހަރުގެ ތަށި ރާއްޖެއަށް ހޯދަދިނުމަށް ދިވެހި ކެރަމް ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ގަދައަޅާ މަސަތްކަތް ކޮށްދެއްވުމަށް އަޅުގަނޑު އެދެން،" މިނިސްޓަރު މަލީހު ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި މިވަގުތު ދިވެހި ގައުމީ ކެރަމް ޓީމުގައި ތިބި ކުޅުންތެރިންނަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންތަކެއް ކަމަށާއި ހިތްވަރާއެކު މަސަތްކަތް ކޮށްފިނަމަ މުބާރާތް ކާމިޔާބު ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމިން ޢަބްދުލް ޤައްޔޫމް އަދުގެ ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް މިނިސްޓަރު މަލީހު ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގައި ބޭއްވޭ ކެރަމް ވޯލްޑް ކަޕް ފަދަ ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިފަހަރުގެ ކެރަމް ވޯލްޑް ކަޕް، ކާމިޔާބު މުބާރާތަކަށް ހެއްދެވުމަށްޓަކައި ޔޫތު މިނިސްޓްރީގެ ފަރާތުން ވެދެއްވެން އޮތް އެހީއަކާއި އެއްބާރުލުން ދެއްވާނޭކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ މިފަދަ ޝަރަފުވެރި ބޮޑު މުބާރާތެއް ރާއްޖޭގައި ބޭއްވިގެންދަނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސަތްކަތުން ކަމަށެވެ. އެގޮތުން ކެރަމް އެސޯސިއޭޝަންގެ އިސްބޭފުޅުން ކުރައްވާފައިވާ ގިނަގުނަ މަސަތްކަތްތައް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ހަތަރު ވަނަ ކެރަމް ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭ ޓީމުގައި ހިމެނެނީ ޖުމްލަ އަށް ކުޅުންތެރިންގެ ސްކޮޑެކެވެ. އެއީ ފިރިހެން ހަތަރު ކުޅުންތެރިންނާއި އަންހެން ހަތަރު ކުޅުންތެރިންނެވެ.
މުބާރާތުގައި ވާދަކުރާ ފިރިހެން ކުޅުންތެރިންނަކީ ހަސަން ނާޒިމް އާއި އަހުމަދު ހާމިދު އާއި ޝާފީ މުހައްމަދު އަދި އަލްތާފް ވަހީދެވެ. އަދި އަންހެން ކުޅުންތެރިންނަކީ ފާތުމަތު ރަޔާން އާއި އައިޝަތު ވިޝާމާ އާއި އައިޝަތު ފައިނާޒް އަދި އާމިނަތު ނިފާޝާއެވެ.