ރާއްޖެ އަށް އިންވެސްޓަރުން ގެނައުމަށް ބޭރުގެ އިންވެސްޓަރުންނާ އެކު ސަރުކާރާ މަޝްވަރާ ކުރަން ގާނޫނީ ފުރިހަމަ ބާރު ލިބިގެން ދިޔައީ ޝުޕެސަލް އިކްނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނަކާ އެކު ކަމަށް ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް ވިދާޅުވެއްޖެ އެވެ.

"އެސްއީޒެޑްގެ ހަ ފަރާތް - މާހިރުންގެ ދުލުން" މި ނަމުގައި ޓީވީއެމްގައި ރޭ ބޭއްވި ފޯރަމްގައި ވާހަކަ ދައްކަވަމުން އަދީބް ވިދާޅުވީ އިންވެސްޓަރުންނަށް ހުރި ފުރުސަތުތައް ބުނެދީގެން އިންވެސްޓަރުން ގެނައުމުގެ ފުރިހަމަ ބާރު މިހާރު ލިބިގެން ހިނގައްޖެ ކަމަށެވެ.

"މިއަދު އަދި ކިރިޔާ އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރަކަށް މި ލިބުނީ ބާރު. މިސާލަކަށް އެއް ބިލިއަން ނުވަތަ ދެ ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ރާއްޖެ ގެނައުމަށް އެއް މޭޒެއްގެ ދަށުގައި އިށީންދެގެން ނެގޯޝިއޭޓް ކުރުމުގެ ބާރު އަދި ކިރިޔާ މި ލިބުނީ ގާނޫނެއްގެ ސިފައިގައި. މިއަދު އަޅުގަނޑުމެނަށް ބުނެވިދާނެ މިސާލަކަށް ހިނގާށޭ އިހަވަންދިއްޕުޅުގައި 1.3، 1.5 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކުރަން. އަޅުގަނޑުމެން ދޭނަމޭ މި އިންސެންޓިވްސްތައް، މިހުރީ މި ޕެކޭޖަކީ،" މިނިސްޓަރު ވިދާޅުވި އެވެ.

އަދީބް ވިދާޅުވީ އެސްއީޒެޑް ގާނޫނުގެ ދަށުން ކޮންމެ އަހަރަކު އިގްތިސާދީ މަޝްރޫއުތަކެއް އިއުލާން ކުރެއްވުމަކީ އިންވެސްޓަރުނަށް ދެވޭ "ވަރުގަދަ މެސެޖެއް" ކަމަށެވެ.

އެސްއީޒެޑް ބިލްގައި ބުނެފައި ވަނީ ދިވެހި ރާއްޖޭގައި ގާއިމުކުރާ ޒޯނެއްގައި ހިންގިދާނެ އިގްތިސާދީ މަސައްކަތްތަކަކީ ކޮބައިކަމާއި އަދި އެއިން ޒޯނެއްގައި ހިމެނޭ އިންވެސްޓްމަންޓްގެ އެންމެ ކުޑަ މިންގަނޑަކީ ކޮބައިކަން ބޯޑުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އަހަރަކު އެއްފަހަރު ކަނޑައަޅައި އިއުލާން ކުރަންވާނެ ކަމަށެވެ.

މިނިސްޓަރު އަދީބް ވިދާޅުވީ އިގްތިސާދީ ސަރައްދުތައް ކަނޑައެޅުމާ އެކު ތަރައްގީނުވެ ހުރި އަތޮޅުތައް ތަރައްގީވެގެންދާނެ ކަމަށާއި އެންމެ ސަރަހައްދެއްގައި ހިންގާ އިންވެސްޓްމަންޓަކުން ވެސް މުޅި ރާއްޖެ އަށް އޭގެ ބަދަލު ފެންނާނެ ކަމަށެވެ.

އެ ފޯރަމްގައި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އައިހެވަން ޕްރޮޖެކްޓާ އެކު ފްރީ ޕޯޓްސްގެ ކޮންސެޕްޓް ސަރުކާރުން ހުށަހެޅީ އެއީ އޭގެ ފައިދާ ކުރާނެ ކަމަކަށްވާތީ ކަމަށެވެ. އޭގެ ސަބަބުން ބޯޓް ފަހަރަށް ހިދުމަތްދޭން އެކި މަސައްކަތްތައް އޭގެ ތެރެއިން އުފެދިގެން އެ ސަރައްދުގައި ހިނގަމުންދާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. އަދި މިހާރު ރާއްޖޭގައި ހިނގަމުންދާ ކޮންވެންސަލް ޓޫރިޒަމް ނޫން އެހެން ޓޫރިޒަމް ކުރިއަށް ގެންދިއުމަށް އިކޮނަމިކް ޒޯންތަކުގައި ހާއްސަ ކުރެވިގެންދާނެ ކަމަށެވެ.