18 Jan 2011, 15:03
ސ. ހުޅުދޫގައި ކުޑަ އަންހެން ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. ދެމީހަކު ހައްޔަރު ކުރީ ވެސް ހަމަ އެދުވަހު އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދެ ފިރިހެނުންކަން ފިޔަވައި އެ ދެ މީހުންނާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ. ހަމައެކަނި ބުނީ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ހަމަ އެރަށުގައި ޒުވާން އަންހެން ކުއްޖަކާމެދު ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ވެސް ފުލުހުނަށް ރިޕޯޓްކޮށްފައިވާތީ ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ މިއަދު ކަށަވަރުކޮށްދީފަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހިމެނޭ 18 އަހަރު ފުރިފައިވާ އަންހެން ކުއްޖާއާ މީގެ ކުރިން ވެސް ވަނީ އެތައް ފަހަރެއްގެ މަތިން ޖިންސީ ގޯނާތައް ކޮށްފަ އެވެ.
މި ދެ މައްސަލަ ފުލުހުން ބަލަމުން އަންނައިރު އެ އަތޮޅު މީދޫގައި އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކާ އެކި ދުވަސްވަރު މަތިން ޖިންސީ ގޯނާކޮށް، ބަދުއަހުލާގީ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި މިހާރު ވެސް ވަނީ ތިން މީހަކު ހައްޔަރު ކޮށް ތަހުގީގު ފަށައިފަ އެވެ.