"ފީލައިން ޕާވޯ" ވައިރަސް ނަމަކަށް ކިޔާ ވައިރަހެއްގެ ސަބަބުން ބުޅަލަށް ޖެހޭ ވައިރަލް ބައްޔެއް ކަމަށްވާ "ފީލައިން ޕެންލިއުކޮޕީނިއާ" ރާއްޖޭގައި ފެތުރެން ފަށައިފި އެވެ.

ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިން ގިނަ އަދަދެއްގެ ބުޅާ އެއްފަހަރާ ބަލިވުމުގެ ޝަކުވާ އެ މިނިސްޓްރީ އަށް ލިބެމުން އަންނަ ކަމަށާއި އެ މިނިސްޓްރީގެ ވެޓެރިނޭރިއަން އިން ބެލިބެލުމުން ވިއްސަކަށް ބުޅަލަށް އެބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ ކަމަށާއި އެއިން ގިނަ އަދަދެއްގެ ބުޅަލަކީ ޅަބުޅަލަށް ވެފައި އެ ހުރިހާ ބުޅަލެއް މިހާރު މަރުވެފައިވާ ކަމަށެވެ.

އެގޮތުން ބަލި ރިޕޯޓްކުރުން އެ މިނިސްޓްރީ އަށް ލަސްވުމާއި އާންމުން ހޭލުންތެރިނުވުމުގެ ސަބަބުން އެބަލި ބޮޑު ސަރަހައްދަކަށް ފެތުރި ގިނަ އަދަދެއްގެ ބުޅަލަކަށް އެބަލި ޖެހިދާނެ ކަމަށް އެ މިނިސްޓްރީގެ ވެޓެރިނޭރިއަން އިން ލަފާކުރާކަމަށް އެ ބަޔާނުގައިވެ އެވެ.

މިނިސްޓްރީން ބުނީ އެބަލި ޖެހުމުން ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި ހޮޑުލުމާއި ބޭރަށްހިންގުމުގެ އިތުރުން ގައިން މާބޮޑަށް ފެންމަދުވުމާއި ވަރުދެރަވުން ހިމެނެ އެވެ. އަދި އެބަލި ޖެހުމަށް ފަހު ދޭއް ނުވަތަ 14 ދުވަހުގެ ތެރޭގައި ކުއްލި ގޮތަކަށް ބުޅާ މަރުވާ ކަމަށެވެ. އަދި ބަލިފެތުރެނީ ބުޅަލުގެ ބޮޑުކަމުދާތަކެއްޗާއި ކެހެރިގަނޑުގައި އުޅޭ ފަނިފަކުސައާއި ހަށިގަނޑުން ނުކުންނަ ދިޔަ އެހެން ބުޅަލެއްގެ ގައިގައި ޖެހުމުން ކަމަށެވެ. އަދި ބަލީގެ އަލާމާތްތަށް ފެނި ދޭއް ނުވަތަ ތިން ދުވަސް ތެރޭގައި އެހެން ބުޅަލަކާ ގައިގޯޅިވުމުން އެބަލި އެހެން ބުޅަލަކަށް ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެބަޔާނުގައި އިތުރަށް ބުނީ އުމުރުން ދެމަހާއި ފަސް މަހާ ދެމެދުގެ އުމުރުގެ ބުޅަލަށް އެބަލި ޖެހުން ގާތް ކަމަށެވެ. އަދި ބުޅާ ގެންގުޅޭ ތަނެއްގައި އެންމެ ބުޅަލަކުން އެބަލި ފެނުނަސް އުމުރުން ހަތަރު ހަފްތާއިން މަތީގެ ހުރިހާ ބުޅަލަކަށް ބަލިއެރުން ކުޑަކަމަށާއި ބަލި ފެތުރުން ކުޑަކުރުމަށް ބުޅަލަށް ބޭނުންވާ ރަނގަޅު ކާނާ ދިނުމާއި ސާފުތާހިރު ތަނެއްގައި ބުޅާ ގެންގުޅުމަށް މިނިސްޓްރީން އެދޭ ކަމަށެވެ.

އެ ބައްޔަކީ ބުޅަލުގެ ސަބަބުން އިންސާނުންގެ ގަޔަށް އަރާނެ ބައްޔެއް ނޫން ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ. ނަމަވެސް ބުޅަލުގެ ތެރޭގައި އެބަލި ހަލުވިކަމާ އެކު ފަސޭހައިން ފެތުރޭ ކަމަށް ބުންޏެވެ.