04 Sep 2014, 14:37
ހއ. ބާރަށުގައި ފުޓްސަލް ޕިޗެއް ހެދުމަށްޓަކައި އެސްޓީއޯ އާއި އެމްއެންޑީއެފް އާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
'ޔުނިޓީ ތްރޫ ފުޓްސަލް'ގެ ނަމުގައި ފަށާފައިވާ މަޝްރޫއުގެ ދަށުން ބާރަށުގައި ހަދާ ފުޓްސަލް ދަނޑުގެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ. އެމްއެންޑީއެފްގެ ފަރާތުން ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް އެ އެއްބަސްވުމުގައި ސޮއިކުރެއްވި އިރު ޔޫތު މިނިސްޓްރީގެ ފަރާތުން އެސްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުގަތެވެ.
ޔުނިޓީ ތުރޫ ފުޓްސަލް މަޝްރޫއުގެ ދަށުން މިހާތަނަށް ހަތަރު ރަށެއްގައި ވަނީ ފުޓްސަލް ޕިޗު ހަދާފައެވެ. އެއީ ވިލިމާލޭގައާއި، ހދ. ކުޅުދުއްފުށި، އައްޑޫ ސިޓީގެ ފޭދޫ އަދި ޏ. ފުވައްމުލަކުގައި ހަދާފައިވާ ފުޓްސަލް ދަނޑުތަކެވެ.
އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފްލާގައި ޑިފެންސް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ސިފައިންނަކީ އިޖްތިމާއި މަސައްކަތްތަކުގައި ވަރަށްގިނަ ކުރިއެރުން ތަކެއް ހޯދަމުންދާ ބައެއްކަން ފާހަގަކުރެއްވި އެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ އެމްއެންޑީއެފް އަކީ، ހާއްސަކޮށް ސިފައިންނަކީ އިޖުތިމާއީ މަސައްކަތްތަކުގައި ވަރަށް ގިނަ ކުރިއެރުން ތަކެއް ހޯދާފައިވާ ބައެއް. ވޭތުވެ ދިޔަ ތިންމަސް ދުވަހަށް ބަލާލިޔަސް އިޖުތިމާއީ ވަރަށްގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، ކުޅިވަރަކީ ލީޑާޝިޕް އަދި ޓީމްވޯކްގެ މައިގަނޑު ތަނބު ކަމަށާއި ކުޅިވަރު ކުޅުމުގެ ވަސީލަތްތައް އިތުރު ކުރަން ޖެހޭނެ ކަމުގައެވެ.
"ކުޅިވަރަކީ އަޅުގަނޑުމެން އަބަދުވެސް ބުނަމުން މިދަނީ ލީޑާޝިޕް، ޓީމްވޯކް އަދި ޑިސިޕްލިން ކަންތައްތަކުގެ މައިގަނޑު އެއް ތަނބު. އެހެންވީމަ ކުޅިވަރު ކުޅެވޭނެ ވަސީލަތްތަކެއް އަޅުގަނޑުމެން އެބަ ޖެހޭ އަޅުގަނޑުމެން ހުރިހާ އެންމެން ގުޅިގެން ކުރިއަށް ގެންދަން،" އާޒިމް ވިދާޅުވި އެވެ.
ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުގަތު ވިދާޅުވީ، ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް އެންމެހައި ފަރާތްތަކުން ދެއްވާ އެއްބާރުލުމަށް އެމިނިސްޓްރީގެ ފަރާތުން ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އެ މިނިސްޓްރީން އެހީއަކަށް އެދި ގޮވާލާ ކޮންމެ ފަހަރަކު ވެސް ޑިފެންސް މިނިސްޓްރީގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭކަން އޭނާ ފާހަގަކުރެއްވި އެވެ.