04 Sep 2014, 14:36
ސިޔާސީ ބަޔަކާ ގުޅިގެން މުޒާހަރާކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމަށް ތުހުމަތުކޮށް ދައުލަތުން ދައުވާ އުފުލާފައިވާ ސީއެންއެމްގެ ނޫސްވެރިޔާއަބްދުﷲ ހަސީންގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާ އަނބުރާ ގެންދިއުމަށް އެމްޑީޕީން ގޮވާލައިފި އެވެ.
ހަސީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރާއި ލ. މާވަށު، ގުލްފާމުގޭ އަބްދުﷲ އިދުރީސްއާ ބައިވެރިވެގެން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމަށް ބުނެ އެވެ.
އެމްޑީޕީން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ހަސީން ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ފުލުހުން އެތަނުން އޭނާ ހިފައި ހައްޔަރުކުރުމަށް ފަހު އޭނާގެ މައްޗަށް ދައުލަތުން މިހާރު ކްރިމިނަލް ކޯޓުގައި ދަޢުވާ ކުރައްވާފައި ވާތީ އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމަށެވެ. އަދި އެ ދައުވާ އަނބުރާ ގެންދެވުމަށް ޕްރޮސިކިޔުޓާ ޖެނެރަލަށާއި ސަރުކާރަށް ގޮވާލާ ކަމަށެވެ.
"އޭނާގެ މައްޗަށް ދައުލަތުން މިހާރު އުފުއްލަވާފައިވާ ދަޢުވާއަކީ ރައްޔިތުންގެ މައްޗަށް ދައުލަތުން އެންމެ ގިނައިން އުފުއްލަވާ ޒާތުގެ އެއް ދަޢުވާކަމުގައިވާ ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނާ ދަޢުވާއެއްކަން ފާހަގަކުރަމެވެ. މިވަރުގެ ދަޢުވާއެއް އެހާ ގިނަ އަހަރުތަކެއް ފަހުން ދައުލަތުން ޢަބްދުﷲ ޙަސީނުގެ މައްޗަށް އުފުއްލަވާފައި ވާތީ އެކަން ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ. އަދި އެ ދައުވާ އަނބުރާ ގެންދެވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމްޑީޕީ) އިން ޕްރޮސިކިޔުޓާ ޖެނެރަލަށާއި ސަރުކާރަށް ގޮވާލަމެވެ." އެމްޑީޕީގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ދައުލަތުން ހަސީންގެ މައްޗަށް އުފުލާފައިވާ ދައުވާ އަށް އޭނާ ވަނީ ކޯޓުގައި އިންކާރުކޮށްފަ އެވެ. ހަސީނު ކޯޓުގައި ބުނެފައި ވަނީ ދައުވާ އަށް އިންކާރުކުރާ ކަމަށާއި މުޒާހަރާތަކަށް އޭނާ ގޮސްފައި ވަނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ޒިންމާ އަދާކުރުމަށް ކަމަށެވެ.