މަތީ ފާސް ހޯދާފައިވާ ދަރިވަރުންނަށް އަންނަ އަހަރުގެ ފުރަތަމަ ޓާމަށް 24 ސްކޮލޮޝިޕް ހުޅުވާލާނެ ކަމަށް ގައުމީ ޔުނިވާސިޓީން ބުނެފި އެވެ.

ޔުނިވާސިޓީން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. އަލީ ޝަރީފު ވިދާޅުވީ އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓާ އަށް ފުލް ފަންޑިން ސްކޮލޮޝިޕްގެ ދަށުން އަންޑާ ގްރެޖުއޭޓް ސްކޮލޮޝިޕުގެ ދެ ފުރުސަތާއި ޕޯސްޓް ގްރެޖުއޭޓު ސްކޮލޮޝިޕުގެ ދެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި ޓިއުޝަން ފްރީ ސްކޮލޮޝިޕުގެ 20 ފުރުސަތެއް ހުޅުވާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން، އަންޑާ ގްރެޖުއޭޓް ސްކޮލޮޝިޕަށް ކުރިމަތި ލެވޭނީ އޯލެވެލް ފަސް މާއްދައިން އޭ ފާސް ހޯދާފައިވާ ނުވަތަ އޭލެވެލް ތިން މާއްދާ އިން އޭ ފާސް ހޯދާފައިވާ ދަރިވަރުންނަށް ކަމަށާއި އޭގައި ބޮޑަށް އިސްކަންދޭނީ ސާނަވީގެ ދަރިވަރުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އަންޑާ ގްރެޖުއޭޓް ސްކޮލޮޝިޕް ލިބޭ ދަރިވަރަކު، ޔުނިވާސިޓީ އަށް ދައްކަންޖެހޭ ޓިއުޝަން ފީ އާ އެކު ކޮންމެ މަހަކު 5000 ރުފިޔާގެ އެލެވެންސަކާ ކިޔެވުމަށް ބޭނުންވާތަކެތި ގަތުމަށް ކޮންމެ ސެމިސްޓާ އަކަށް 5000 ރުފިޔާގެ އެލެވެންސެއް ދޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި އަތޮޅުތަކުން މާލެ އައިސް ތިބޭ ދަރިވަރުންނަށް، އެސްޓެބްލިޝް ގްރާންޓެއްގެ ގޮތުގައި އަހަރަކު 5000 ރުފިޔާގެ އެލެވެންސެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ ޕޯސްޓް ގްރެޖުއޭޓް ސްކޮލޮޝިޕުގެ ޝަރުތަކީ، އަންޑާ ގްރެޖްއޭޓެއް ކޯހަކުން ވަކި ފެންވަރަކުން ފާސްވެފައިވާ ފަރާތަކަށް ވުމުގެ އިތުރުން އަންޑާ ގްރެޖްއުއޭޓުގައި ކިޔަވާފައިވާ ކޯހަކަށް ވުން ކަމަށެވެ.

އަންޑާ ގްރެޖުއޭޓް ސްކޮލޮޝިޕް ލިބޭ ދަރިވަރުންނަށް ކޮންމެ މަހަކު ލިބޭ 5000 ރުފިޔާގެ އެލެވެންސްގެ ބަދަލުގައި ޕޯސްޓް ގްރެޖުއޭޓް ސްކޮލޮޝިޕުގެ ދަރިވަރުންނަށް 7000 ރުފިޔާގެ އެލެވެންސަކާ އެކު، އަންޑާ ގްރެޖުއޭޓް ސްކޮލޮޝިޕުގައި ލިބޭ އެހެން އެލެވެންސްތައް ލިބޭނެ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

ޔުނިވާސިޓީން ބުނީ، އެ ސްކޮލޮޝިޕު ތަކަށް އެދުމުގެ ފުރުސަތު މިމަހުގެ 21 އިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހާ ހަމައަށް ހުޅުވާލާނެ ކަމަށެވެ. އަދި އެވެލުއޭޓް ކުރުމަށް ފަހު ހަފްތާއެއްގެ ތެރޭގައި ސްކޮލޮޝިޕް އެވޯޑް ކުރާނެ ކަމަށް ވެސް ޔުނިވާސިޓީން މައުލޫމާތުދެ އެވެ.