04 Sep 2014, 13:33
މ. މުލީގެ ބިންހިއްކުން ހަވާލުކޮށްފައިވާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓުރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެ މަސައްކަތް ސަބް ކޮންޓްރެކްޓެއްގެ ދަށުން މެލޭޝިޔާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެމްޓީސީސީގައި މިއަދު ބޭއްވި ހަފްލާއެއްގައި އެ މަސައްކަތްކަތް ހަވާލުކޮށްފައި ވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ އިވޯސަން އާ އެވެ. އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގް ހަލީމް ސޮއިކުރެއްވި އިރު އިވޯސަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވެރިއެއްކަމަށްވާ އެންތަނީ ވައި ހޮންގް އެވެ.
ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ރައްޒާގް ވިދާޅުވީ އެ މަސައްކަތް އެމްޓީސީސީ އިން ސަބް ކޮންޓްރެކްޓެއްގެ ދަށުން ބަޔަކާ ހަވާލުކުރީ މިހާރު ވެސް ތިން ރަށެއް ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އިން ކުރަމުންދާތީ މުލީގެ މަސައްކަތް ފެށުން ލަސްވެފައިވާތީ ކަމަށެވެ.
"ސަބް ކޮންޓެކްޓާއެއް ނެގި އިރު މައިގަނޑުގޮތެއްގައި އަޅުގަނޑުމެން ވިސްނީ އެންމެ އަވަހަށް މަސައްކަތް ނިންމާ ބަޔަކަށާއި އަގުގެ އިތުރުން ތަޖްރިބާ އަށް،" ރައްޒާގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތް ހަވާލުކުރީ ފަސް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮަތަށް 99 މިލިއަން ރުފިޔާ އަށް ކަމަށެވެ. ކުރިއަށް އޮތް 14 ދުވަސް ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމަށް ރައްޒާގް ވިދާޅުވި އެވެ.
އިވޯސަންގެ ވެރިއެއްކަމަށްވާ އެންތަނީ ވިދާޅުވީ އެފަދަ ފުރުސަތެއް ލިބުނީމާ ވަރަށް އުފާވާ ކަމަށާއި އެ ސައްކަތް ދިން މުއްދަތުގެ ތެރޭގައި ނިންމޭނެ ކަމަށެވެ.
މުލީގައި ހިއްކުމަށް ނިންމާފައި ވަނީ 40 ހެކްޓަރު ބިމެވެ.