މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ (241) ކޮމެޓީގެ ސަބް-ކޮމިޓީއެއް ހޮއްވަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގެ ތެރެއިން ގާނޫނު އަސާސީގެ 241 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ ސަބް ކޮމެޓީއެއް އުފެއްދީ މިހަފްތާގެ ހޯމަ ދުވަހު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގަ އެވެ.

ހޯމަ ދުވަހު ބޭއްވި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ، މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައި ވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން ފޮނުއްވާފައިވާ މައްސަލަ އިތުރަށް ދިރާސާ ކުރެއްވުމަށް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ސަބް-ކޮމިޓީއެއް ހޮއްވަވައި އެކޮމިޓީ އަށް ވަނީ އެ މައްސަލަ ފޮނުވާފަ އެވެ.

މީގެ އިތުރުން ސަބް-ކޮމިޓީގެ ހޯމަ ދުވަހުގެ ބައްދަލުވުމުގައި އެ މައްސަލާއާ ގުޅޭ ގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރެއްވުމަށް ކަމާ ގުޅޭ ފަރާތްތަށް ހާޒިރުކުރުމަށް އެ ކޮމެޓީން ވަނީ ނިންމަވާފަ އެވެ.

ރިލްވާން ގެއްލިފައިމުމުގެ މައްސަލާގައި ރިލްވާންގެ އާއިލާގެ ފަރާތުން 5000 މީހުންގެ ސޮޔާ އެކު ޕެޓިޝަނެއް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީ އަށް މިއަދު ވަނީ ހުށަހަޅާފަ އެވެ.