04 Sep 2014, 12:24
ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ދިއުމަށް ޓަކައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ހެނދުނު ދިޔަ އެ ކޯޕަރޭޝަންގެ އެޑްވާންސް ޓީމަށް ނުފުރިގެން އެނބުރި މާލެ އަތުވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ފަތިހު އެ އާޕޯޓަށް އިހުރާމް ހެދުން އަޅައިގެން ދިޔަ ޓީމަށް ނުފުރިގެން މާލެ އައީ އެމީހުންނަށް ނުފުރޭނެ ކަމަށް ގަތަރު އެއާވޭސް އިން ބުނުމާ ގުޅިގެންނެވެ.
ހައްޖު ކޯޕަރޭޝަންގެ މާކެޓިން އޮފިސަރު އިރުފާނު އަންވަރު މިއަދު ސަން އަށް ވިދާޅުވީ މިއަދު ހެނދުނު ހައްޖަށްދިއުމަށް އެއާޕޯޓަށް ދިޔައީ އެ ކޯޕަރޭޝަންގެ ފަރާތުން ހައްޖަށްދާ އެޑްވާންސް ޓީމްގެ 12 މީހުން ކަމަށާއި އެމީހުންނަކީ އެ ތަނުގެ މުވައްޒިފުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެޑްވާންސް ޓީމަށް ނުފުރުނީ ގަތަރު އެއާވޭސް އިން އެއް ކޮޅު ޓިކެޓް ނަގާފައި އޮތުމުން ކަމަށާއި އެކަން އެގޮތަށް ދިމާވީ ގަތަރު އެއާވޭސް އާއި އެ ކުންފުނިން ކުރި މުއާމަލާތްތަކެއްގައި އެރި އޮޅުމެއްގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ މީހުންނަށް ނުފުރުނީ ގަތަރާއި ހައްޖު ކޯޕަރޭޝަނާ ދޭތެރޭގައި ހިނގި މިސްއަންޑަސްސްޓޭޑިންގް އެއްގެ ސަބަބުން. އަޅުގަނޑުމެން ނަގާފައި އޮތީ އެއްކޮޅު ޓިކެޓް. އެއްކޮޅު ޓިކެޓްގައި ނުފުރޭކަން އެނގުނީ ވެސް ފުރަން ގޮސް ކައުންޓަރަށް ދިޔަ ފަހުން ދެކޮޅު ޓިކެޓް ނަގަންޖެހޭ ވާހަކަ ކައުންޓަރުން ބުނީމަ،" އިރުފާން ވިދާޅުވި އެވެ.
އިރުފާނު ވިދާޅުވީ މިއަދު ހެނދުނު ފުރަން ގޮސް ނުފުރުނު ޓީމަށް މިރޭ އިރުއޮއްސޭކަންހާ އިރު ފުރޭ ގޮތަށް މިހާރު ހަމަޖައްސައިފައިވާ ކަމަށެވެ.
ހައްޖު ކޯޕަރޭޝަންގެ ފަރާތުން މިއަހަރު ހައްޖަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެން ވެސް ފުރާގޮތަށް ހަމަޖައްސާފައި ވަނީ މެގާމޯލްޑިވްސް އިން ނެވެ. އަދި އެ ކޯޕަރޭޝަނުން މި އަހަރު ހައްޖަށްދާ މީހުން ފުރާނީ މިމަހުގެ 11 އަދި 12 އެވެ.