ހދ. ކުމުންދޫ ސިއްހީ މަރުކަޒުގައި ޑޮކްޓަރަކު ނެތްތާ ގިނަ ދުވަސްވުމާ ގުޅިގެން ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ސިއްހީ މަރުކަޒު ބަންދުކޮށްފި އެވެ.

ކުމުންދޫގެ ކައުންސިލްގެ ރައީސް އަލީ އަންވަރު މިއަދު ސަށް އަށް ވިދާޅުވީ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ސިއްހީ މަރުކަޒު ގޭޓު ކުރިމަތީ ވެޔޮ ގަނޑެއް ދަމައި ބަންދުކުރީ މިދިޔަ މަހުގެ 25 އިން ފެށިގެން ޑޮކްޓަރެއް ނެތުމުން ކަމަށެވެ.

"ކުރިން މަސައްކަތް ކުރި އިންޑިއާ ޑޮކްޓަރުވީ އިމަޖެންސީ ޗުއްޓީއަކަށް ގޮސްފައި. އޭގެ ފަހުން ޑޮކްޓަރަކު ނެތް،" ކުމުންދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ މަހުގެ 25 އިން ފެށިގެން އެ ރަށު ސިއްހީ މަރުކަޒުގައި މަސައްކަތް ކުރަނީ ތިން ނަރުހުން އެކަނި ކަމަށެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ މިއަދު ހިތްހަމަނުޖެހުން ފާޅު ކުރުމާ ގުޅިގެން ކުމުންދޫ ސިއްހީ މަރުކަޒަށް މާދަމާ ޑޮކްޓަރަކު ފޮނުވަން ހަމަޖެހިފައިވާ ކަމަށް އަތޮޅު ކައުންސިލުން ޖަވާބު ދީފައިވާ ކަމަށެވެ.

ކުމުންދޫ ސިއްހީ މަރުކަޒުގެ ބޭރު ފާރުގައި ރައްޔިތުން ތަތްކޮށްފައިވާ ލިޔުންތަކުގައި ބުނެފައި ވަނީ "އަޅުގަނޑުމެން މިތީ މިތަނުން ޕެނެޑޯލް ގުޅައެއްނުލިބިފައި" ކަމަށެވެ. އަދި ކުމުންދޫ އަކީ ފަޅުރަށެއްތޯ ސުވާލުކޮށްފައިވާ ލިޔުމެއް ވެސް ތަތްކޮށްފައިވެ އެވެ.