ރަށްރަށުގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށްދާ އިރު އަންހެނުންގެ ޚާއްސަ ކަންކަމަށް ސަމާލުކަން ދެވޭނީ ލޯކަލް ކައުންސިލްތަކުގައި އަންހެނުން ވެސް ހިމެނިގެން ކަމަށް ޑީއާރްޕީގެ އަންހެނުންގެ ގޮފީގެ ރައީސާ ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ޑީއާރްޕީގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދުންޔާ ވިދާޅުވީ، އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޑީއާރްޕީގެ ޓިކެޓުގައި 70 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ކަމަށާއި އެ ޕާޓީން ދެކޭ ގޮތުގައި ކައުންސިލްތަކުގައި އަންހެނުންގެ ވިސްނުން ހިމެނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ރަށެއްގެ ތަރައްގީގައި ހުންނާނެ ހުރިހާ ރައްޔިތުންނާ ގުޅޭ ކަންތައްތައް. އެކަމަކު މީގެ ހުންނާނެ އަންހެނުންގެ މަސައްކަތްތަކާ ގުޅޭ ނުވަތަ ޚާއްސަކޮށް އާއިލާ ނުވަތަ ކުދިންނާ ގުޅޭ ކަންތައްތައް ވެސް. ބައެއް ފަހަރަށް ހުސް ފިރިހެން ބޭފުޅުން ތިއްބަވާ މަޖިލީހެއްގައި [އަންހެނުންގެ] ބައެއް ކަހަލަ ވިއު ޕޮއިޓް ނުލިބެންޏާ ކޮންސިޑާ ނުކުރެވޭ [ބަލައިނުގަނެވޭ] ކަންކަން ހުންނާނެ،" ޑީއާރްޕީގެ ޒައީމްގެ ދަރިކަނބަލުން ދުންޔާ ވިދާޅުވި އެވެ.

ނަމަވެސް، މިހާތަނަށް ބެލިބެލުމުން އަންހެން ކެންޑިޑޭޓުންނަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި ބައެއް ރަށްރަށުގައި "އަންހެނުންނަށް އިންތިހާބު ކާމިޔާބު ނުކުރެވޭނެ" ކަމަށް ބައެއް ފަރާތްތަކުން ދެކޭ ކަމަށް ދުންޔާ ވިދާޅުވި އެވެ. ނަމަވެސް، އެހެން ރަށްރަށުގައި އެފަދަ ވިސްނުމެއް ނުގެންގުޅޭ މީހުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ކުދިންނާއި އާއިލީ ޒިންމާތަކުގެ ސަބަބުން ކައުންސިލް މެމްބަރެއްގެ ވާޖިބު އަދާކުރުމަށް ހުރަސްތަކެއް ހުރި ކަމަށް ބުނެ ބައެއް ކެންޑިޑޭޓުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، މަޑުމަޑުން އެ ވިސްނުން ބަދަލުވަމުންދާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

އަދި އެ މަސައްކަތުގައި ކެންޑިޑޭޓުންނަށް އެހީވުމަށްޓަކައި މަދަނީ ޖަމިއްޔާތަކުން އިސްނަގައިގެން އަންހެން ކެންޑިޑޭޓުންނަށް ޚާއްސަ ވޯކްޝޮޕެއް ބަނޑޮހުގައި މިދިޔަ މަހުގެ 28- 30 އަށް ބޭއްވި ކަމަށާއި އެ ވޯކްޝޮޕްގައި ޑީއާރްޕީގެ ޓިކެޓްގައި ވާދަކުރާ 37 ކެންޑިޑޭޓުން ބައިވެރިވި ކަމަށް ވެސް ދުންޔާ ވިދަޅުވި އެވެ.