ބްރެޒިލްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި އަދި ކޯޗު ޒެކޯ އިންޑިޔާގެ ސުޕަލީގުގެ ކުލަބެއް ކަަމަށްވާ އެފްސީ ގޯއާގެ ކޯޗަކަށް ހަމަޖައްސައިފި އެވެ.

އުމުރުން 61 އަހަރުގެ ޒެކޯ ވަނީ ބްރެޒިލަށް 71 މެޗު ކުޅެދީފައެވެ. ޒެކޯވަނީ ބްރެޒިލާއެކު 1978 އާއި 1982 އަދި 1986 ވޯލްޑްކަޕްގަ ކުޅެފައެވެ. ހަމައެހެންމެ ޒެކޯ ވަނީ ބްރެޒިލާއި ޖަޕާނާއި ތުރުކީއާއި ރަޝިޔާއާއި ގްރީސްއާއި އިރާގް އަދި ގަތަރުގެ ގައުމީ ޓީމްތަކަށް ކޯޗުކަން ކޮށްދީފައެވެ.

އައިއެސްއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޒެކޯ ކްލަބާ ގުޅުމުގެ އެއްބަސުވުމުގައި ސޮއި ކޮށްފަވަނީ ބްރެޒިލްގެ ރިއޯގައި ކަމަށެވެ. ސުޕަލީގުގެ ފޯރިގަދަކުރުމަށާއި ހާއްސަކޮށް އިންޑިޔާގެ ފުޓްބޯޅައިގެ ފޯރި ގަދަކުރުމަށްޓަކައި އައިއެސްއެލްއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ސުޕަލީގު ފޯރިގަދަ ކުރުމަށް ކުރީގެ މަޝްހޫރު ކުޅުންތެރިން ތަކެއް ހިމަނައިގެން 10 ހަފްތާއަށް ބަހައިލެވޭ މުބާރާތެއް ކުރިޔަށް ގެންދާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. އެ މުބާރާތުގައި ކުޅޭނެ ކުރީގެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ފްރާންސްގެ ކުރީގެ ގައުމީޓީމުން ވިދާލި ޑޭވިޑް ޓްރަޒަގޭ އާއި ފްރެޑިއި ލުއެންބާގް އާއި ކުރިން ލިވަޕޫލުން ވިދާލި ލުއިސް ގާސިޔާ ހިމެނެއެވެ.

މިއީ އެފްސީ ގޯއާ އިންޑިއަން ސުޕަލީގުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.