ޖޯޑަންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ޗެލްސީގެ ކުރީގެ އެސިސްޓެންޓް ކޯޗު ރޭ ވިލްކިންސް ހަމަޖައްސައިފި އެވެ.

އުމުރުން 57 އަހަރުގެ ވިލްކިންސް އެންމެ ފަހުން މަސަކަތްކޮށްފަވަނީ އިނގިރޭސި ކުލަބް ފުލަމްގެ އެސިސްޓެންޓް ހެޑްކޯޗެއްގެ ގޮތުގައެވެ. ޖޯޑަންގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ވިލްކިންސްގެ އެސިސްޓެންޓެއްގެ ގޮތުގައި ކުރިން އާސެނަލް އަަށް ކުޅުނު އަޔަލެންޑް ސްޓެޕްލެޓަން ހަމަޖައްސާފައެވެ.

އިނގިރޭސިވިލާތުގެ ކުރީގެ މިޑްފީލްޑް ކުޅުންތެރިޔާ ވިލްކިންސްގެ ބޮޑު މުބާރާތަކަށް ވެގެންދާނީ އަންނަަ އަހަރު އޮސްޓްރޭލިޔާގަ އޮންނަ އޭޝިއަން ކަޕެވެ. އޭޝިޔަން ކަޕުގައި ޖޯޑަން ހިމެނެނީ ޖަޕާނާއި އިރާގާއި ފަލަސްތީނާ އެއް ގުރޫޕެއްގައެވެ.

ވިލްކިންސް ރަސްމީކޮށް ޖޯޑަންގެ ކޯޗުކަމާ ހަވާލުވާނީ މިއަދު އުޒްބަކިސްތާނާ ދެކޮޅަށް ކުޅޭ އެކުވެރި ކަމުގެ މެޗާއި އޭގެ ފަސްދުވަސް ފަހުން ޗައިނާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ފަހުއެވެ.

ރަސްމީ މެޗަކަށް ޖޯޑަންއަށް އިރުޝާދު ދޭން ވިލްކިންސް ނުކުންނާނީ އޮކްޓޯބަރު 11 ވަނަ ދުވަހު މެލޭޝިއާއާ ދެކޮޅަށް ކުއަލަލަމްޕޫރުގައި ކުޅޭ މެޗަށެވެ.

ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގައި ޖޯޑަން މިވަގުތު އޮތީ 56 ވަނަ މަގާމްގައެވެ.