މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭ ފެރީ ޓާމިނަލުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ، އަމާންކަން ދެމެހެއްޓުމާ ކުށްމަދު ކުރުމާ ދެކޮޅަށް މަސައްކަތްކޮށް ކުށްކުރިޔަ ނުދިނުމަށް މަސައްކަތްކުރުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް ފުލުހުން ކުރިއަށްގެންދާ އެ މަސައްކަތުގެ ދަށުން، މިހާރު ހުޅުމާލެ އިން މާލެ އަށް ދަތުރުކުރާ މީހުން ބޭނުންކުރާ ފެރީ ޓާމިނަލުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، މާލެ އިން ހުޅުމާލެއަށް އަދި ހުޅުމާލެ އިން މާލެ އަށް ދަތުރުކުރާ މީހުންނާއި މާލެއިން ވިލިމާލެއަށް އަދި ވިލިމާލެ އިން މާލެއަށް ދަތުރުކުރާ މީހުންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުން އެމްޓީސީސީއާ އެކު މަޝްވަރާކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެގޮތުން މާލެ އާއި ވިލިމާލޭގެ އިތުރުން ހުޅުމާލޭގެ ފެރީ ޓާމިނަލުތަކުގައި ހަރުކޮށްފައިވާ ކެމެރާތައް ފުލުހުންގެ ކެމެރާ ވިޔުގައާ ގުޅާލުމާ ގުޅޭ ގޮތުން މިދިޔަ ހޯމަ ދުވަހު މަޝްވަރާކޮށްފައިވެ އެވެ.

އެ ހުރިހާ ފެރީ ޓާމިނަލުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ އިރު، ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެމްޓީސިސީންނެވެ.

ފެރީ ޓާމިނަލްތަކުގައި ހުރި ކެމެރާތައް ފުލުހުންގެ ކެމެރާ ވިޔުގައާ ގުޅާލުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ އިރު، މިދިޔަ މަހުގެ ކުރީ ކޮޅުން ފެށިގެން ގެއްލިގެން ހޯދަމުންދާ ރިލްވާންގެ މައްސަލައިގައި ވަނީ ހުޅުމާލެ ފެރީ ޓާމިނަލްގެ ކެމެރާތައް ބަލައިފަ އެވެ.