އެންޖެލް ޑި މަރިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ބައިނަލްއަގްވާމީ އެކުވެރި ކަމުގެ ފުޓްބޯޅަ މެޗުގައި ރޭ 4-2 ލަނޑުން ޖަރުމަނު ބަލިކޮށް، ބްރެޒިލް 2014ގެ ފައިނަލް މެޗުގެ ކުޑަކުޑަ ބަދަލެއް އާޖެންޓީނާ ހިފައިފި އެވެ.

ރޭގެ މެޗުގައި ޑި މަރިއާ ވަނީ، އެ ޓީމުން ޖެހި ތިން ލަނޑު ކާމިޔާބުކުރުމުގައި އެސިސްޓް ކޮށް އަދި އެއް ލަނޑު ޖާމިޔާބުކޮށްފައެވެ.

ވޯލްޑް ކަޕްގައި އާޖެންޓީނާގެ މައްޗަށް ހޯދި ކާމިޔާބަށް ފަހު ދުނިޔޭގެ ޗެމްޕިއަން އަމިއްލަ ގައުމުގައި ކުޅުނު ފުރަތަމަ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ވެސް އާޖެންޓީނާ އެވެ. މެޗުގެ 21 ވަނަ މިނިޓްގައި ޑިމާރިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓީމަށް ލަނޑު ޖަހައިދިނީ ފޯވާޑު ސާޖިއޯ އަގުއޭރޯ އެވެ. އަދި ދެވަނަ ލަނޑު މެޗުގެ 40 ވަނަ މިނިޓްގައި ޑި މަރިއާގެ އެހީތެރި ކަމާއެކު އާޖެންޓީނާއަށް ޖަހައިދިނީ މިޑްފީލްޑަރު އެރިކް ލަމޭލާ އެވެ.

އަނިޔާގެ ސަބަބުން ކެޕްޓަން ލިއޮނަލް މެސީވެސް ނެތި އާޖެންޓީނާ ކުޅުނު މި މެޗުގެ ދެވަނަ ހާފު ފެށީގެން ދެވަނަ މިނިޓްގައި އެޓީމުން ވަނީ ތިންވަނަ ލަނޑު ކާމިޔާބުކޮށް ޖަރުމަނު މާޔޫސް ކޮށްލާފައެވެ. ޑި މަރިއާ ސެޓްކޮށްދިން ބޯޅައަކުން 47 ވަނަ މިނިޓްގައި އާޖެންޓީނާގެ ލީޑު އިތުރަށް ފުޅާކޮށްދިނީ އާޖެންޓީނާގެ ޑިފެންޑަރު ފެޑްރީކޯ ފާރނެންޑޭޒެވެ. މެޗުގެ 50 ވަނަ މިނެޓުގައި ޑި މަރިއާ ޖެހި ލަނޑާއެކު އާޖެންޓީނާ ވަނީ 4-0 ލަނޑުގެ ލީޑެއް ނަގައިފައެވެ.

ޖަރުމަނުގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ ޑި މަރިއާ ގޯލު ޖެހިތާ ދެމިނެޓު ފަހުންނެވެ. އެލަނޑު އެޓީމަށް ޖަހައި ދިނީ ފޯވާޑު އަންދްރޭ ޝޫލާއެވެ. މެޗުގެ 78 ވަނަ މިނިޓްގައި ޖަރުމަނުގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު މާރިއޯ ގޮޓްޒާ އެވެ.

މެޗަށްފަހު ޖަރުމަނުގެ ކޯޗު ޔަކިމް ލޯ ބުނީ، މިއީ ބަދަލު ހިފުމެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި ފައިނަލް މެޗެއް އަނބުރާ ނުގެނެވޭނޭ ކަމަށް ވެސް ކޯޗު ލޯ ބުންޏެވެ.

ވޯލްޑް ކަޕް ފައިނަލަށް ފަހު، ޖަރުމަނުގެ ކެޕްޓަން ފިލިޕް ލާމްއާއި، ޑިފެންޑަރު ޕާމާޓަސޭކާއާއި ލަނޑުގެ ރެކޯޑް މުގުރާލި މިރޮސްލަވް ކްލޯޒާ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައި ވާއިރު، އަނިޔާގެ ސަބަބުން މުހިއްމު ބައެއް ކުޅުންތެރިންނަށް ނުކުޅެވުނު މި މެޗުގައި ލޯ ވަނީ، އޭނާގެ ޓީމަށް ބޮޑު ހަތް ބަދަލެއް ގެނެސްފައެވެ.

"އަހަރެން ކުޅުންތެރިން ބްލޭމްއެއް ނުކުރަން މިފަދަ ނަތީޖާއެއް ނުކުތް ނަމަވެސް،" ޖަރުމަނު ކޯޗު ބުންޏެވެ. "އެއީ މީގެ ތެރެއިން ގިނަ ކުޅުންތެެރިންނަކީ މިފަދަ މެޗަކަށް ތައްޔާރުވެފައި ތިބި ކުޅުންތެރިންނެއް ނޫން."