ފަސް އަހަރުގެ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބައްޕަ ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހު ހުށަހެޅި ޖިންސީ ގޯނާގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 40 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ އިއްޔެ މެންދުރުގެ ވަގުތެއްގަ އެވެ.

އުމުރުން ފަސް އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އެ ކުޑަ ކުއްޖާގެ އާއިލާގެ ފަރާތުން ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ މީހެކެވެ.

ސަން އަށް މައުލޫމާތު ދިން މީހަކު ބުނީ ފަސް އަހަރުގެ އަންހެން ކުއްޖާ އަށް އެ ކުއްޖާގެ ބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބެމުންދާކަން ފަޅާއެރީ އަންހެން ކުއްޖާގެ މަންމަ މާލެ އަންނަން ޖެހިގެން ބަޔަކާ ކުޑަ އަންހެން ކުއްޖާ ހަވާލު ކުރި ހިސާބުން ކަމަށެވެ. އެމީހާ ބުނީ އެ ކުއްޖާ އަށް ބައްޕަގެ ފަރާތުން ތަކުރާރުކޮށް ޖިންސީ ގޯނާ ލިބެމުންދިޔަ ކަމަށެވެ.

"އެއްކޮށް އުޅެމުން އައި ދެމަފިރިން އެއީ. އެކުއްޖާ މަންމަ ފަރާތު ބައެއް ކައިރީ ބަހައްޓާފައި މަންމަ މާލެ ދިޔައީ. އެހިސާބުން އެކަން ފަޅާއަރައިގެން ފުލުހުންނަށް ރިޕޯޓު ކުރީ،" ސަން އަށް މައުލުމާތު ދިން މީހަކު ބުންޏެވެ.