އޮލަންބަތޫރު (ސެޕްޓެމްބަރ 4) : ރަޝިޔާ އިން މިހާތަނަށް ގެންގުޅެމުން އަންނަ އަސްކަރީ އަގީދާ ނުވަތަ ދިފާއީ ޑޮކްޓްރިން ބަދަލުކުރުމަށް ނިންމައިފިކަން ކްރެމްލިންއިން ހާމަކޮށްފި އެވެ.

ކްރެމްލިންގެ މުސްތަޝާރު މިޚައިލް ބޮބޯފް ވިދާޅުވީ ރަޝިޔާގެ އަސްކަރީ އަގީދާ ނުވަތަ ދިފާއީ ޑޮކްޓްރިން ބަދަލުކުރުމަށް ނިންމީ ރަޝިޔާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ނޭޓޯ ފުޅާކުރުމަށް ހުޅަނގުގެ ބާރުތަކުން މަސައްކަތް ކުރަމުން ގެންދިޔުމާއި ޔުކްރޭންގެ މައްސަލައާ ވެސް ގުޅިގެން ކަމުގަ އެވެ. މި ދެ މައްސަލައާ ގުޅިގެން ރަޝިޔާއާއި ހުޅަނގުގެ ގުޅުންތައް ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު ދެ ފަރާތުން ވެސް ގެންދަނީ އެއްބަޔަކު އަނެއް ބަޔަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. ޔުކްރޭނުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ ވަންނަކަމަށާއި ވަކިވެގަތުމަށް މަސައްކަތްކުރާ ޔުކްރޭންގެ ހަނގުރާމަވެރިންނަށް ރަޝިޔާ އެހީތެރިވަމުންދާ ކަމަށް ހުޅަނގުން ތުހުމަތުކުރާ އިރު ރަޝިޔާ އިން ވަނީ އެގައުމު އަސްކަރީ ގޮތުން ޙިސާރުކުރުމަށް ނޭޓޯ އިން މަސައްކަތް ކުރަމުން ގެންދާ ކަމަށް ތުހުމަތުކޮށްފަ އެވެ. ނޭޓޯ އިން ވަނީ ރަޝިޔާ އާ ސަރަހައްދީ ގޮތުން ގުޅިފައިވާ ހަތަރު ގައުމަކަށް ނޭޓޯގެ މެންބަރުކަންދީ ރަޝިޔާގެ ސަރަހައްދީ ރޮނގާ ހަމައަށް ނޭޓޯ ފުޅާކޮށްފަ އެވެ.

އަނެއްކޮޅުން ޔުކްރޭނުން ވަނީ ރަޝިޔާ އިން އެގައުމާ ހަނގުރާމަ ކުރުމަށް ވަރަށް ބޮޑަށް ތައްޔާރުވަމުން ދާކަމަށް ތުހުމަތު ކޮށްފަ އެވެ. ނަމަވެސް ރަޝިޔާ އިން މިކަން ދޮގުކުރެ އެވެ. މިއާއެކު ޔުކްރޭންގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމާބެހޭ ޕްލޭނެއް ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން އިއްޔެ ވަނީ އިއްލާން ކުރައްވާފަ އެވެ. މިޕްލޭން ބިނާވެފައި ވަނީ ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި އދ.ގެ އޮބްޒާވަރުންގެ ބައިތިއްބައިގެން އެމީހުންގެ ބެލުމުގެ ދަށުން ޔުކްރޭން ސަރުކާރު ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިން އެއްބަޔަކު އަނެއް ބަޔަކަށް އަމާޒުކޮށްދޭ ހަމަލާތައް ހުއްޓާލުމުގެ މައްޗަށް ކަމަށް ރަޝިޔާގެ މީޑީޔާ ބުނެ އެވެ. ޕޫޓިން، މިޕްލޭން ހުށަހަޅުއްވާފައި މިވަނީ މެންގޯލިޔާގެ ވެރިރަށް އޮލަންބަތޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގަ އެވެ. ޕޫޓިންގެ ޕްލޭންގައި ޔުކްރޭން ސަރުކާރު ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިން ވެސް މިހާރު ތިބި ސަރަހައްދުތަކުން ފަހަތަށްޖެހުމަށާއި އަދި ފަހަތަށް ޖެހޭ ސަރަހައްދުތަކުގައި އދ.ގެ އޮބްޒާވަރުން ބޭތިއްބުން ވެސް ހިމެނޭކަމަށް ވެ އެވެ.

ނޭޓޯގެ މެންބަރަކަށް ޔުކްރޭން ހެދުމަށް ހުޅަނގުން ކުރަމުން ގެންދާ މަސައްކަތްތަކާއި އިރުމަތީ ޔޫރަޕްގައި ނޭޓޯގެ އަސްކަރީ ފައުޖުތައް ބޭތިއްބުމަށް ނޭޓޯ އިން ރާވާފައިވާ ރޭވުންތަކަކީ ރަޝިޔާގެ ގައުމީ ސަލާމަތަށް ނުރައްކާވާނެ ރޭވުންތަކެއް ކަމަށް ރަޝިޔާ އިން ބުނެ އެވެ. (ރޮއިޓާސް)