އައިޖީއެމްއެޗްގެ އިރުމަތީ ފަރާތު ގޭޓް ހުޅުވައި އެ ގޭޓަކީ އާންމު ބަލިތަކަށް ފަރުވާ ހޯދުމަށް އަންނަ މީހުން ވަނުމަށް ހާއްސަ ދޮރާށީ ގޮތުގައި އެ ހޮސްޕިޓަލުން ހަމަޖައްސައިފި އެވެ.

ކޮންމެ ދުވަހަކު 2000 އަށްވުރެ ގިނަ މީހުން ހިދުމަތް ހޯދަންދާ އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ މާފަންނު ކަނބާއައިސާ ރަނި ހިނގުމަށްވާ ގޮތަށް ހުންނަ ދޮރާށި މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ހުޅުވައިލީ އައިޖީއެމްއެޗުން ފަރުވާ ހޯދަމަށް އަންނަ މީހުންނަށް އިތުރު ފަސޭހަތަކެއް ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ.

އަދި ބުނީ ޑޮކްޓަރުންނަށް ދައްކަން އަންނަ މީހުންނަށް މީގެ ފަހުން ހިދުމަތް ދޭނީ އިރުމަތީ ފަރާތު ގޭޓު ނުވަތަ އޯޕީޑީ ގޭޓުން ވަދެގެން އަންނައިރު ގާއިމުކޮށްފައިވާ ކައުންޓަރުން ކަމަށެވެ.
ޒީނަތު ވިދާޅުވީ ހޮސްޕިޓަލުގެ މައިގޭޓްގެ ގޮތުގައި މިހާރު ވެސް ބޭނުން ކުރަމުން އަންނަ ދޮރާށިން ވަންއިރު ހުންނަ ކައުންޓަރުން ހިދުމަތް ދޭނީ އެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ތިބޭ މީހުންނަށް އެކަނިކަމަށެވެ.