04 Sep 2014, 09:46
ޓިޓަލިން (ސެޕްޓެމްބަރ 4) : ބަދަލުހިފުމުގެ ރޫހެއްގައި އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވަމުންދާ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ފުނފުނޑުކޮށްލުމަށް ޓަކައި ބައިނަލްއަގްވާމީ އިއްތިޙާދެއް އެކުލަވާލުމުގެ މަސައްކަތް އެމެރިކާ އިސްވެ އޮވެގެން ކުރަމުން ގެންދާކަމަށާއި އެމެރިކާގެ ދިގުއަތް އައިއެސްއާ ހަމައަށް ފޯރާނެ ކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
ނޭޓޯގެ އިސްވެރިންގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ޓަކައި އިނގިރޭސިވިލާތުގެ ވޭލްޒް އަށް ވަޑައިގަތުމުގެ ކުރިން އެސްޓޯނިޔާގެ ވެރިރަށް ޓަލިންގައި ދެއްވި ބަޔާނެއްގައި އޮބާމާ ވަނީ އައިއެސް ޖަމާއަތް ފުނޑުފުނޑު ކޮށްލައި އެ ޖަމާއަތް ނައްތާލާނެ ކަމުގެ ހަރުކަށި އިންޒާރެއް ދެއްވާފަ އެވެ. މިއިންޒާރާ އެކު އޮބާމާ ވިދާޅުވީ އެމެރިކާގެ އަތް ވަރަށް ދިގުވާނެ ކަމަށާއި އެމެރިކާގެ ރައްޔިތުން ކަތިލަމުންގެންދާ މީހުންނާ ހަމައަށް އެމެރިކާ މި ދިގުއަތް ފޯރާނެ ކަމުގަ އެވެ. އަދި އެމެރިކާގެ ރައްޔިތުންގެ ގާތިލުންގެ ކިބައިން އިންސާފު ހޯދުމުގެ ގާބިލުކަން އެމެރިކާގެ ކިބާގައި އެބަ ހުރި ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ. މިގޮތުން އައިއެސް މުޅިން ފުނޑުފުނޑުކޮށްލައި އެޖަމާއަތް ވުޖޫދުން ފުހެލާނެ ސްޓްރެޓެޖީއެއް ރާވައި އެސްޓްރެޓެޖީ ތަންފީޒުކުރާނެ ކަމަށް އޮބާމާ ވިދާޅުވި އެވެ.
އޮބާމާ މިމޭރުމުން ވާހަކަ ދައްކަވާފައިވާ އިރު އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން އިން ވަނީ އިރާގުގައިވާ އައިއެސްގެ އަމާޒުތަކުގެ އިތުރުން ސޫރިޔާގައިވާ އެޖަމާއަތުގެ އަމާޒުތަކަށް ވެސް ވައިގެ ޙަމަލާތަކެއް ދިނުމަށް ރާވަމުންދާކަން ހާމަކޮށްފަ އެވެ. މިކަމާ ބެހޭ ޖާސޫސީ މައުލޫމާތު ހޯދަމުން ގެންދާ ކަމަށް ޕެންޓަގަންގެ ތަރްޖަމާނަކު ވިދާޅުވެފައިވެ އެވެ. އެސްޓޯނިޔާގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ އައިއެސް ފުނޑުފުނޑުކޮށްލައި އެޖަމާއަތް ވުޖޫދުން ފުހެލުމުގެ ސްޓްރެޓެޖީ ތަންފީޒު ކުރުމަށް ވަގުތު ބޭނުންވާނެ ކަމަށާއި ވައިގެ މަގުގެ އިތުރުން އެއްގަމު މަގުން ވެސް އައިއެސް އާ ހަނގުރާމަކޮށް އެޖަމާއަތް ބަލިކުރަން އެމެރިކާ އޮތީ ކެތްމަދުވެފައި ކަމުގަ އެވެ. އައިއެސް އާ ދެކޮޅަށް މިހާ ހަރުކަށި އިންޒާރެއް އޮބާމާ ދެއްވާފައި މިވަނީ އެޖަމާއަތާ ކުރިމަތިލުމުގައި އޮބާމާގެ ސަރުކާރު ފޭލް ވެފައިވާ ކަމަށާއި އައިއެސްއާ ދެކޮޅަށް ހަރަކާތްތެރިވާނެ ތަސައްވުރެއް އަދި ސްޓްރެޓެޖީއެއް ވެސް ނެތްކަމަށް ކަމަށް ވިދާޅުވެ ކޮންގްރެސްގެ ބައެއް މެންބަރުން އޮބާމާ އަށް ފާޑުކިޔަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ.
އެމެރިކާގެ ގައުމީ ސަލާމަތާ ގުޅުން ހުރި ބައެއް މުއައްސަސާތަކުން ވެސް ވަނީ އައިއެސްއާ ކުރިމަތިލުމުގައި އޮބާމާގެ ސިޔާސަތުތައް ބަލިކަށި ކަމަށް ބުނެ އޮބާމާގެ ސިޔާސަތު ތަކަށް ފާޑުކިޔާފަ އެވެ. އެހެންކަމުން އައިއެސް ފުނޑުފުނޑު ކޮށްލާނެ ކަމަށް ވިދާޅުވެ އޮބާމާ ދައްކަވަމުން ގެންދަވާ މިވާހަކަތަކަކީ އަމަލީ ކަމަކަށް ވުރެ ބޮޑަށް އޭނާގެ ސަރުކާރުގެ ދިފާއުގައި ދެއްކެވި ވާހަކަ ތަކެއް ކަމަށް ވަނީ ބެލެވިފަ އެވެ.
ތާލިބާނުންނާ ކުރިމަތިލައިގެން 12 އަހަރުވަންދެން އެމެރިކާ ހަނގުރާމަ ކުރި އިރު ވެސް އެޖާމަތް ބަލިކޮށްލުމުގައި އެމެރިކާ އަށް އެއްވެސް ކާމިޔާބެއް ލިބިފައިނުވާތީ އާއި އިސްރާއީލު ފަދަ އަސްކަރީ ގޮތުން ބާރުގަދަ ގައުމުތަކަށް ވެސް ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާއި ފަލަސްތީނުގެ ހަމާސް ޖަމާއަތް ވެސް އެއްވެސް ވަރަކަށް ބަލިކޮށްލެވިފައި ނުވާތީ އައިއެސް ފަދަ ހައްދުފަހަނަޅާފައިވާ އަދި ބާރުގަދަ ހަނގުރާމަވެރި ޖަމާއަތަކާ ސީދާ ގޮތެއްގައި ކުރިމަތިލައިގެން ކާމިޔާބެއް ހޯދުމަކީ އެމެރިކާ އަށް ކުރެވިދާނެ ކަމެއް ކަމާމެދު ތަޖްރިބާކާރުން ސުވާލު ކުރައްވަ އެވެ.
އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ ހަރުކަށި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ފުނޑުފުނޑު ކޮށްލާނެ ކަމުގެ އިންޒާރު އެމެރިކާ ދީފައި މިވަނީ އެ ޖަމާއަތުން ރަހީނު ކޮށްގެންއުޅުނު އެމެރިކާގެ ނޫސްވެރިއެއް ކަމަށްވާ ސްޓީވަން ސޮޓްލޯފް ކަރުބުރިކޮށްލައިގެން އޭނާ ކަތިލާ މަންޒަރު ދައްކައިދޭ ވީޑިޔޯއެއް މިދިޔަ އަންގާރަ ދުވަހު އާންމުކުރުމާ ގުޅިގެންނެވެ. މި ވީޑިޔޯއަކީ ސައްޙަ ވީޑިޔޯއެއް ކަމަށް އެމެރިކާގެ ކަމާ ބެހޭ ފަންނީ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ. (ނޫސްއެޖެންސީތައް)