ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ ފާމަސީއެއް ގާއިމުކުރުމަށް އެސްޓީއޯ އިން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ކ. ތުލުސްދޫގައި ވެސް އެ ކުންފުނީގެ ބޭސް ފިހާރައެއް ހުޅުވައިފި އެވެ.

އެސްޓީއޯ އިން ބުނީ ތުލުސްދޫގައި ހުޅުވި ބޭސް ފިހާރައިން އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށެވެ. ތުލުސްދޫގައި ހުޅުވި ބޭސްފިހާރައާއެކު އެސްޓީއޯގެ ބޭސް ފިހާރަތަކުގެ އަދަދު މިހާރު 22 އަށް އަރަ އެވެ.

އެ ކުންފުނިން ބުނީ ރާއްޖޭގެ ކޮންމެ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރައެއް ހުޅުވުމަށް ކުރިއަށް ގެންދާ މަސައްކަތަށް ކައުންސިލްތަކާއި ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެފައި ވަނީ، ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވުމުގެ ބޭނުމަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭހުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި ސަރުކާރުގެ އުންމީދަކީ ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީ ވެސް އާސަންދައިގެ ދަށުން ބޭސް ލިބޭ ރައްޔިތަކަށްވުން ކަމަށެވެ.

ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ގާއިމު ކުރުމުގެ ޕްރޮޖެކްޓް ދެ އަހަރު ތެރޭގައި ނިންމާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.