އިގްތިސާދީ ހާއްސަ ސަރަހައްދުތައް ތަރައްގީ ކުރުމުގައި ގައުމުގެ ގިނަ މީހުންގެ މަސްލަތަށް އިސްކަންދިނުމަކީ ކާމިޔާބުކަމާ އެކު ސްޕެޝަލް އިކޮނަމިކް ޒޯން (އެސްއީޒެޑް) ހިންގޭނެ ގޮތެއް ކަމަށް އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް މިރޭ ވިދާޅުވެއްޖެ އެވެ.

"އެސްއީޒެޑްގެ ހަފަރާތް - މާހިރުންގެ ދުލުން" މި ނަމުގައި ޓީވީއެމްގައި ރޭ ބޭއްވި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު ވިދާޅުވީ ރާއްޖޭގައި ފަށާ އެސްއީޒެޑްގެ ކޮންސެޕްޓަކީ ވަރަށް ކާމިޔާބުކަމާ އެކު ބައެއް ގައުމުތަކުން ހިންގާފައިވާ ކޮންސެޕްޓެއް ކަމަށެވެ. ނަމަވެސް ބައެއް ގައުމުތަކުގައި އެސްއީޒެޑް ހިންގަމުންދަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި ޒަމާނާ އެއްގޮތަކަށް އިކްނޮމިކް ޒޯންތައް ފަރުމާ ކުރަން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

އަޒީމާ ވިދާޅުވީ އެސްއީޒެޑް ކާމިޔާބުކަމާ އެކު ރާއްޖޭގައި ހިނގާނީ ދުރު ރާސްތާގެ ތަސައްވަރެއް ކަނޑައަޅައި، އެ ތަސައްވަރު ހާސިލް ކުރާނެ ސްޓްރެޓެޖީ ކަނޑައެޅިގެން ކަމަށެވެ.

"އެސްއީޒެޑް ކާމިޔާބު ވާނީ އެފަދަ ޒޯނެއްގައި ދިގު ރާސްތާއެއްގެ ތަސައްވަރެއް ކަނޑައެޅި، އެ ތަސައްވަރު ހާސިލް ކުރާނެ ސްޓްރެޓެޖީ ކަނޑައެޅިގެން. ރާއްޖޭގައި މި ގާއިމުކުރާ ސުޕެޝަލް އިކްނޮމިކް ޒޯންތަކަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ތަޖުރިބާކޮށްފައިވާ ކޮންސެޕްޓެއް. ބައެއް ގައުމުތަކުގައި ވަރަށް ކާމިޔާބުކަމާ އެކު ހިނގާ. ހަމަ އެފަދައިން އެފަދަ ޒޯންތަކުގެ ނަތީޖާ އެހާ ރަނގަޅެއް ނޫން،" މަރުކަޒީ ބޭންކުގެ ގަވަރުނަރު ވިދާޅުވި އެވެ.

ސްޕެޝަލް އިކްނޮމިކް ޒޯންތަކުގެ ސަބަބުން އާމްދަނީ އާއި ގައުމުގެ އުފެއްދުންތެރިކަން އިތުރުވެ އަދި ރައްޔިތުނަށް ލިބޭނެ މަންފާ އިތުރުވާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ. ނަމަވެސް ކާމިޔާބުކަމާ އެކު އިކޮނަމިކް ޒޯނެއް ހިންގޭނީ ގިނަ ދުވަސްތަކަކުން ވަރަށް ބޮޑަށް ރޭވިގެން ކަމަށް އަޒީމާ ވިދާޅުވި އެވެ.

އެސްއީޒެޑާ ބެހޭ ގޮތުން އެންމެން އެއް ނަޒަކުން ދެކިގެން ނޫނީ އޭގެ "ފޮނިމީރު" ކަމެއް ނުލިބޭނެ ކަމަށް ފާހަގަ ކުރައްވައި އަޒީމާ ވިދާޅުވީ އެސްއީޒެޑާ ބެހޭ ގޮތުން އިލްމީ ގޮތެއްގައި ވާހަކަތަކެއް ދެކެވެން ޖެހޭ ކަމަށާއި އަދި އެ ވާހަކަތަކަށް އިޖާބަދޭން ޖެހޭ ފަރާތްތަކުން އިޖާބަ ދިނުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ.

"އެސްއީޒެޑަކީ ސިޔާސީ އޮއިވަރެއްގައި ޖެހިގެން ހިނގާ އެއްޗަކަށް ވެގެން އޭގެ ފޮނި މީރު ކަމެއް ނުލިބޭނެ. ގައުމަށް އިންވެސްޓަރުން އަންނީ، އިންވެސްޓަރުނަށް ޔަގީކަން ލިބޭނީ، ދިވެހިނަށް އިތުރުން ވަޒީފާ އުފެއްދޭނީ ސިޔާސީ ގޮތުން ކުރިމަތިލާ ކުރިމަތިލުންތަކަށް ނިމުމަކަށް އާދެވިގެން. މައްސަލަތަކާ ބެހޭ ގޮތުން ކުރެވޭ ބަހުސަކީ މާނަވީ ގޮތެއްގައި، އުފެންދުންތެރި ގޮތެއްގައި އިލްމީ ފެންވަރެއްގައި ކުރެވޭ ބަހުސްތަކަށް ވެގެން،" އަޒީމާ ވިދާޅުވި އެވެ.

އިގްތިސާދީ ތަރައްގީގައި އިކޮނަމިކް ޒޯންތައް މުހިންމު ރޯލެއް އަދާކުރާ ކަމަށް އިގްތިސާދީ އިލްމްވެރިން އެއްބަސްވެވަޑައިގަންނާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

އިންޓަނޭޝަލް ލޭބަ އޯގައިނޭޒަޝަން (އައިއެލްއޯ)ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން 130 ގައުމެއްގައި އެކި ފެންވަރުގެ އަދި އެކި ސައިޒްގެ 3500 އަށްވުރެ ގިނަ އިކޮނަމިކް ޒޯންތައް ގާއިމުކޮށްފައިވެ އެވެ. އަދި އެއިން ކޮންމެ ޒޯނެއްގައި 40 މިލިއަނަށް ވުރެ ގިނަ މީހުން މަސައްކަތްކުރެ އެވެ.