04 Sep 2014, 09:22
ހޮންކޮންގް ގައި ކުރިއަށްގެންދިޔަ "ސީފުޑް އެކްސްޕޯ އޭޝިއާ" ފެއާގައި "މެރިން ސްޓެވާޑް ކައުންސިލް" އިން ބޭއްވި މަސްވެރިކަމުގެ ވިޔަފާރިއާ ބެހޭ މަޝްވަރާ ބައްދަލުވުމެއްގައި ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަމާ ބެހޭ ގޮތުން މިފްކޯއިން މައުލޫމާތު ދީފި އެވެ.
މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ ފެއާގައި ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަމާއި ޒަމާނުއްސުރެ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ގޮތުގައި ކުރަމުން އަންނަ މަސްވެރިކަމާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީފައި ވަނީ މިފްކޯގެ ސީއީއޯ އަދްލީ އިސްމާއިލެވެ.
އެގޮތުން އޭނާ ދެއްވި ޕްރެޒެންޓޭޝަނެއްގައި ވަނީ ދޮށީގެ މަސްވެރިކަން ރާއްޖެއާއި މުޅި ދުނިޔެއަށް މުހިންމުވާ ސަބަބުތަކާއި މިބާވަތުގެ މަސްވެރިކަމުގެ ސަބަބުން ތިމާވެއްޓަށް އަދި ކަނޑުފަޅުތަކަށް ގެއްލުން ނުވާނެފަދަ ގޮތަކަށް ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަން ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މައުލޫމާތު ދެއްވާފަ އެވެ. އަދި ދޮށީގެ މަސްވެރިކަމަކީ ޒަމާނުއްސުރެ ދިވެހިން އަމިއްލައަށް އިހްތިޔާރުކޮށްފައިވާ މަސްވެރިކަމެއްކަމާއި އެއީ ދިވެހިރާއްޖެފަދަ ނާޒުކު ތިމާވެއްޓެއް އޮތް ގައުމަކަށް އެންމެ އެކަށޭނަ މަސްވެރިކަން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އޭޝިއާގެ ގިނަ ގައުމުތަކަކުން ބައިވެރިވެފައިވާ އެ ފެއާގައި މިފްކޯއިން ވަނީ އެކުންފުނީގެ މަހުގެ ތަފާތު އުފެއްދުންތަކާއި ރާއްޖޭގެ މަހުގެ ބާވަތްތައް އިސްތިހާރުކުރުމަށް ސްޓޯލެއް ތައްޔާރުކޮށް އެ ފެއާގައި ބައިވެރިވާ ފަރާތްތަކަށް ރާއްޖޭގެ މަސްވެރިކަމާއި މަހުގެ އުފެއްދުންތަކާ ބެހޭ ގޮތުން މައުލޫމާތު ދީފަ އެވެ.
އެ ފޯރަމްގައި ރާއްޖޭގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި މިފްކޯގެ ޗެއާމަން ހަދަން ރަޝީދު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.