04 Sep 2014, 09:17
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންނަށް ޕާފޯމަންސް އެލަވެންސެއް ދިނުމަށް ނިންމާފައިވާ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ކަސްޓަމްސްގެ 124 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ވިދާޅުވީ، ކަސްޓަމްސްގެ މުވައްޒަފުންގެ ޕާފޯމަންސް ދުވަހުން ދުވަހަށް ބެލޭނެ އިންތިޒާމެއް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. މުވައްޒަފުންނަށް ޕާފޯމަންސް އެލަވައްސެއް މި އަންނަ އަހަރު ދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ އުންމީދަކީ އަންނަ އަހަރުގެ ތެރޭގައި ކަސްޓަމްސް މުވައްޒަފުންނަށް ޕާފޯމަންސް އެލަވަންސެއް ދެވޭނެ ގޮތް ހަމަޖެހިގެން ދިއުން. މިކަން އަޅުގަނޑުމެން ވާނީ 2015 ވަނަ އަހަރަށް ކަސްޓަމްސް އިން ހުށަހެޅި ބަޖެޓުގައި ހިމަނާފައި،" އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަސްޓަމްސްގެ މުވައްޒަފުން ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ހެދުމަށާއި ވައްޒަފުންނަށް ތައުލީމް ދިނުމަށް ވެސް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ކަސްޓަމްސްގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ދަށުން ކަސްޓަމްސް ސާވިސްގެ ޒިންމާތަކެއް ގާނޫނުން މަތިކޮށްފައިވާ ކަމަށް ފާހަގަ ކުރައްވައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ވިދާޅުވީ އެކަންކަން ކުރުމަށް ހަދަން ޖެހޭ ގަވާއިދުތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. ގަވާއިދުތައް ހަދާއިރު އެންމެ ބޮޑަށް އިސްކަން ދޭނީ ވީހާ ވެސް ލުއި ފަސޭހަ ގޮތަކަށް އިންވެސްޓަރުންނަށް މަަސައްކަތް ކުރެވޭ ގޮތަކަށް ގަވާއިދުތައް ހެދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ކަސްޓަމްސްއަށް 34 މުވައްޒަފުން އަލަށް ނެގުމަށް އިއުލާން ކުރުމުން 2100 މީހުން އެ މަގާމަށް ކުރިމަތިލާފައިވާ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.
ކަސްޓަމްސްގެ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަރަފްވެރިމެހުމާން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކަސްޓަމްސް މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެއްވުމަށް ހައުސިން މިނިސްޓްރީން ވެދެއްވެން އޮތް އެހީއެއް ދެއްވާނެ ކަމަށެވެ.
ކަސްޓަމްސް އަކީ އިގްތިސާދީ އެންމެ މުހިންމު މަސައްކަތްތައް ކުރަމުންދާ އެއް މުއައްސަސާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަސްޓަމްސްގެ މަސައްކަތްތައް ފުޅާވަމުންދާމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވަނީ ކަސްޓަމްސްއިން ކުރިއަށް އޮތް ފަސް އަހަރަށް މަސައްކަތްކުރާނެ ސްޓެރެޓީޖިކް ޕްލޭން ތައާރަފްކޮށްފަ އެވެ.