04 Sep 2014, 00:08
މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާން އަބްދުﷲ ގެއްލިފައިވާ މައްސަލަގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީއަށް ހާޒިރުކުރަން ނުފެންނަ ކަމަށް ފާސްކޮށްފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އެގޮތަށް ފާސްކުރީ، މީޑީއާއަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެން މިރޭ ބޭއްވި ކޮމެޓީ ބައްދަލުވުމުގަ އެވެ. މަޖިލިސް ޗުއްޓީގައި ގޮސްފައި ވަނިކޮށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ބައްދަލުވުމެއް މިރޭ ބޭއްވީ އެމްޑީޕީގެ ތިން މެމްބަރަކު ސޮއިކޮށް ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ބައްދަލުވުން ސިއްރުކޮށްފައި ވަނީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ، ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އާއި ފަރެސްމާތޮނޑާ މެމްބަރު ހުސައިން މުހައްމަދު ލަތީފް އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމްގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވޯޓު ދެއްވައިގެންނެވެ. ނަމަވެސް ކޮމެޓީ ސިއްރު ކުރުމާ ދެކޮޅަށް އެމްޑީޕީގެ މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.
ގެއްލިގެން ހޯދާ ރިޟްވާންގެ މައްސަލާގައި އެޗްއާރްސީއެމާއި ޕީއައިސީ މަޖިލީހަށް ޖަވާބުދާރީ ކުރުވުމަށް އެ ބޭފުޅުން ކޮމެޓީއަށް ހާޒިރު ކުރުމަށް ވޯޓު ދެއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ އިތުރުން ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިންނެވެ.
ރިޟްވާންގެ މައްސަލާގެ އިތުރުން ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީއަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހުން ބަންދުން ދޫކޮށްލި މައްސަލާގައި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) މުހްތާޒު މުހުސިން ކޮމެޓީއަށް ހާޒިރު ކުރުމަށް އެމްޑީޕީން ހުށަހެޅުމުން، އެ ހުށަހެޅުން ވެސް ކޮމެޓީއަކުން ފާހެއް ނުވެ އެވެ. އެމްޑީޕީން ބުނެފައި ވަނީ އަލްހާނަށް ހަމަލާދިން ކަމަށް ބުނާ ދެ މީހުން ދޫކޮށްލީ ޕީޖީގެ މަސްއޫލިއްޔަތު އަދާނުކޮށްގެން ކަމަށެވެ.