03 Sep 2014, 23:45
އޮންލައިން ނޫސް "ވަގުތުއެމްވީ"ގެ ކުޅިވަރު ހަބަރުތައް ގެނެސްދިނުމަށް ހާއްސަ ސްޕޯޓްސް އެޑިޝަނެއް އެ ނޫހުން މިރޭ ތައާރަފުކޮށްފި އެވެ.
މޮބައިލް ފޯނުތަކާއި ޑެސްކްޓޮޕް ކޮމްޕިއުޓަރުގެ އިތުރުން ޓެބްލެޓްތަކުން ވެސް ބަލައިލެވޭ ގޮތަށް ފަރުމާކޮށްފައިވާ އެ އެޑިޝަން ތައާރަފު ކޮށްދެއްވީ ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ހަފްލާއެއްގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މަލީހު ޖަމާލެވެ.
އެ ހަފްލާގައި ވާހަކަ ދައްކަވަމުން ވަގުތުގެ ސްޕޯޓްސް އެޑިޓަރު އަލީ ރިފްޝާން ވިދާޅުވީ ވަގުތު ސްޕޯޓްސްގައި ޝާއިއުކުރާނީ ހަމައެކަނި ކުޅިވަރު ޚަބަރުތައް ނޫން ކަމަށާއި ކުޅިވަރު ޚަބަރުތަކުގެ އިތުރުން ކުޅިވަރުގެ އެކި މައުލޫމާތުތަކާއި ހަށިހެޔޮކަމާއި ގުޅުން ހުރި ގިނަ މައުލޫމާތުތައް އެ އެޑިޝަނުން ލިބޭނެ ކަމަށެވެ.
"މި އެޑިޝަންގައި ހަމައެކަނި ހުންނާނީ ކުޅިވަރު ހަބަރެއް ނޫން. ކުޅިވަރު ހަބަރުގެ އިތުރަށް ކުޅިވަރާ ގުޅުން ހުރި އެކި މައުލޫމާތުތަކާއި ހަށިހެޔޮކަން ދެމެހެއްޓުމަށް ކުރަން ޖެހޭ ކަސްރަތުތަކާ ގުޅުން ހުރި މައުލޫމާތު ވެސް މި އެޑިޝަންގައި ޝާއިއުކުރެވިގެން ދާނެ. އަދި މީގައި ރާއްޖޭގެ ކުޅިވަރުތަކަށް ވަކީން ހާއްސަ ސަމާލުކަމެއް ދެވިގެންދާނެ." ރިފްޝާން ވިދާޅުވި އެވެ.
ޔޫތު މިނިސްޓަރު ވިދާޅުވީ ކުރީގައި "އެމްވީޔޫތު"ގެ ނަމުގައި ހިންގަމުން އައިސް މިހާރު "ވަގުތު"ގެ ނަމަށް ރީބްރޭންޑްކޮށް ހިންގަމުން އަންނަ އެ އޮންލައިން ނޫހަކީ ވަރަށް ފުރިހަމަކަމާ އެކު ހިންގަމުން އަންނަ ނޫހެއް ކަމަށާއި މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި "ވަގުތު" އިން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށެވެ. އަދި އެއީ ޒުވާނުންތަކެއް އިސްނަގައިގެން ކޮށްފައިވާ "ފުރިހަމަ" މަސައްކަތެއް ކަމުން އެއީ ޒުވާނުން ނަމޫނާ އަކަށް ބަލަންވީ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.