އަމާން ރައްކާތެރި ވެށްޓެއް ގާއިމްކުރަން ބޭނުން ވަނީ ގިނަ ފުލުހުން ނޫން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.

މ. ކޮޅުފުށީގައި ފުލުހުންގެ ހިދުމަތް ގާއިމްކޮށް ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ، އަމާން ރައްކާތެރި ވެށްޓެއް ގާއިމް ކުރުމަށް ބޭނުންވަނީ ގިނަ ފުލުހުންނެއް ނޫން ކަމަށާއި އެކަމަށް އެކަމަށް ބޭނުން ވަނީ ހޭލުންތެރި މުޖުތަމައުއެއް ކަމަށެވެ.

ފުލުހުން ތިބޭނީ ރައްޔިތުންނާއެކު ރައްޔިތުން ދާން ބޭނުންވާ ކޮންމެ ހިސާބަކަށް ދިޔުމަށް ތައްޔާރަށް ކަމަށް ފާހަގަ ކުރައްވައި ސީޕީ ވިދާޅުވީ، ހާދިސާއެއް ހިނގާ ކޮންމެ ފަހަރަކު އެތަނެއްގައި ފުލުހަކަށް ނުތިބެވޭނެ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި އެތަނުގައި ހުންނަ މީހެއް ނުވަތަ އެކަމެއް ފެންނަ މީހާ އެއްބާރުލުން ފުލުހުންނަށް ބޭނުންވާނެ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.

ކޮޅުފުށީގައި މިއަދު ފުލުހުންގެ މަރުކަޒެއް ހުޅުވައި ހިދުމަތް ދޭން ފަށާފައިވާއިރު، ދ. ބަނޑިދޫގައި ވެސް ފުލުހުންގެ މަރުކަޒެއް މިއަދު ވަނީ ހުޅުވާފަ އެވެ. އެ މަރުކަޒު ވެސް ހުޅުއްވައި ދެއްވީ، ކޮމިޝަނަރު ހުސައިން ވަހީދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރު ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާ ރައްކާތެރި ކަމަށް ފުލުހުން އެތަނެއްގައި ތިބުމަކީ ރައްޔިތުންނަށް ފާގަތިކަމާއި ހިތްހަމަޖެހުން ލިބިގެންދާނެ ކަމެއް ކަމަށެވެ.

އެގޮތުން ބަނޑިދޫގައި ހުޅުވި ފުލުހުންގެ މަރުކަޒާއި އެކު އެރަށުގައި ހުރި މުއައްސަސާތަކާ ގުޅިގެން އެ ރަށަކީ ކުށްމަދު އަމާން ރަށަކަށް ހެދުމަށް މަސައްކަތްކުރެއްވުމަށް ކޮމިޝަނަރު އިލްތިމާސްކުރެއްވި އެވެ.

ފުލުހުންގެ ހިދުމަތަކީ ރައްޔިތުންގެ އެހީތެރިކަމާއެކު ދެވެނޭ ހިދުމަތެއް ކަމަށް ފާހަގަކުރައްވައި ސީޕީ ވިދާޅުވީ، އަމާން ރައްކާތެރި މުޖުތަމައުއެއް ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ރައްޔިތުން އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.