މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުނު މައްސަލާގައި ސަރުކާރުން ފިޔަވަޅު އަޅަމުންދާ ގޮތާއި މިންވަރު އަންގައިދިނުމަށް އެދިފައިވީ ނަމަވެސް، މިއަދާ ހަމައަށް ވެސް ސަރުކާރުގެ ފަރާތުން ޖަވާބެއް ލިބިފައިނުވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

އެޗްއާރުސީއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، މިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ގެއްލިގެން ހޯދަމުންދާ ރިޟްވާންގެ މައްސަލަ އެކުވެރި ދައުލަތް (އދ)ގެ ވޯކިން ގްރޫޕް އޮން އިންވޮލަންޓަރީ ޑިސްއެޕިއަރެންސްއާ ހިއްސާކޮށްފައިވަ ކަމަށެވެ. އަދި އެކަމާ ގުޅިގެން ސަރުކާރުން އަމަލު ކުރަމުން ދާ ގޮތް ބަލަމުންދާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

އެގޮތުން މިދިޔަ މަހުގެ 19 ވަނަ ދުވަހު ރިޟްވާން ގެއްލުނު މައްސަލައާ ގުޅިގެން ދައުލަތުން ފިޔަވަޅުތައް އަޅަމުންދާ ގޮތާއި މިިންވަރު އަންގައިދެއްވުމަށް ފޮރިން މިނިސްޓްރީއަށާއި އެޓާނީ ޖެނެރަލްގެ އޮފީހަށް އެދުނު ކަމަށް އެޗްއާރުސީއެމް އިން ބުންޏެވެ.

"ދިވެހި ދައުލަތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ގޮތާއި މިންވަރު އަންގައިދެއްވުމަށް ފޮރިން މިނިސްޓްރީ އަށާއި އެޓާނީ ޖެނެރަލްގެ އޮފީހަށް ކޮމިޝަނުން ދެންނެވި ދެންނެވުމަށް އަދާ ހަމައަށް ވެސް އެއްވެސް ޖަވާބެއް ލިބިފައިނުވާއިރު، އެ އިލްތިމާސްއާ ގުޅިގެން ދައުލަތުން އިތުރު މަސައްކަތެއް ކުރެވޭތަނެއް ނުފެނެ އެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެޗްއާރުސީއެމުން ރިޟްވާންގެ އާއިލާއާ ބައްދަލުކޮށް އެ ކޮމިޝަނުން އޭނާގެ މައްސަލާގައި ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އޭނާ ގެއްލުނު މައްސަލާގައި ކޮމިޝަނުން ކުރެވެން ހުރި ހުރިހާ މަސަައްކަތެއް ހުއްޓާ ނުލައި ކުރަމުންދާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އެގޮތުން، ރިޟްވާން ހޯދުމަށް ޕޯސްޓާރުންތަކެއްގައި ބަންގާޅީ، ޓެމިލް، ހިންދީ އަދި މަލިޔާޅަމް ބަހުން ތައްޔާރުކޮށް ބިދޭސީ މަސައްކަތްތެރީނަށް ބަހާފައިވާއިރު، ފުލުހުންގެ އަތުގައި ހުރި ހުރިހާ ވަސީލަތްތަކެއް ބޭނުން ކުރެއްވުމަށާއި ތަހުގީގު އަވަސް ކުރެއްވުމަށް އެ ކޮމިޝަނުން އެދިފައިވާ ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެޗްއާރުސީއެމްގެ ކުރީގެ މުވައްޒަފެއް ކަމުގައިވާ ރިޟްވާން ގެއްލުނުތާ މިއަދަށް 26 ދުވަސްވެފައިވާއިރު، އެ މައްސަލައާ ގުޅިގެން ހަތަރު މީހެއްގެ ޕާސްޕޯޓެއް ހިފަހައްޓައި، ޕްރައިވެޓް ކާރެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އަދި މިހާތަނަށް ފުލުހުން އޭނާ ހޯދުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން ހުޅުމާލެ އާއި މާލޭގެ އިތުރުން ފަޅުރަށްތަކާއި ކަނޑާއި އެއްގަމުގައި ދުއްވާ އުޅަނދު ފަހަރުތައް ވަނީ ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުންނާ ގުޅިގެން ސިފައިން ވެސް ރިލުވާން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ޑިފެންސް މިނިސްޓަރު ނާޒިމު ވިދާޅުވެފައިވަނީ، ރިޟްވާން ހޯދުމަށް ޓަކައި ސަރުކާރުން ކުރަން ޖެހުނު ކޮށްމެ ކަމެއް ކުރާނެ ކަމަށާއި އެކަމުގައި ސަރުކާރު ދެމި އޮންނާނެ ކަމަށެވެ. އަދި ރިޟްވާން ފެންނާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.