03 Sep 2014, 20:51
މާލޭ ހުޅަނގު ދެކުނު ފަރާތު، ތިން ރުއް ޕާކު ކައިރީގައި މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ތިން ރުއް ޕާކު ސަރަހައްދުގައި ސައިކަލެއްގައި މަޑުކޮށްގެން ހުރި މީހަކަށް ހަމަލާދިނީ ސައިކަލެއްގައި އައި ދެ މީހަކު ވެގެންނެވެ. އެ ދެ މީހުން ވެގެން އެ މީހާއަށް ވަޅިން ހަމަލާ ދިނުމަށް ފަހު ވަނީ ފިލާފަ އެވެ.

ސެޕްޓެމްބަރު 3، 2014: ތިން ރުއް ޕާކުގައި ވަޅި ހެރި ހާދިސާ ތަހުގީގު ކުރުމުގައި ފުލުހުން-- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
މަންޒަރު ދުށް މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި އެ ހަމަލާގައި ޒަހަމްވި މީހާގެ ބުރަކަށްޓަަށް ވަނީ ވަރަށް ބޮޑަށް ވަޅި ހަރައި ޒަހަމްކޮށްލާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ މީހެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި ބަޔަކު ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ފުލުހުން ހޯދާ މީހުންގެ ވަނަވަރެއް އަދި ހާމައެއް ނުކުރެ އެވެ.

ތިން ރުއް ޕާކުގައި ސައިކަލެއްގައި މަޑުކޮށްލައިގެން އިން މީހަކަށް ވަޅި ހެރުމުން، އޭނާގެ ގައިން އޮހޮރުނު ލޭ ބިންމަތީގައި-- ސަން ފޮޓޯ/ ކިޔުންތެރިއެއް