01 Apr 2010, 11:58
14:30
ކުށްވެރިން ހައްޔަރުކުރުމަށް ނެރުނު އަމުރެއްގެ ދަށުން ޑީއާރުޕީ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ދޫނިދޫއަށް ގެންދިޔަ މައްސަލަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި އެވެ.
ޑީއާރުޕީ އޮފީހުގައި ނޫސްވެރިންގެ މައުލޫމާތު ދެމުން ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަދި އެޕާޓީގެ ނައިބު ލީޑަރ އަލީ ވަހީދު މިއަދު ވިދާޅުވީ އޮޑިޓަރ ޖެނަރަލް އިބްރާހިމް ނައީމްގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް އެމްޑީޕީން ހިސޯރަކޮށްފައިވާ ކަމަށް ބުނެ، ޑީއާރުޕީން ބާއްވަމުން ގެންދިޔަ ސިލްސިލާ އެއްވުމްތަކާ ގުޅިގެން މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ ޑީއާރުޕީއާއި އެމްޑީޕީގެ މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ތަނުގެ މަސްލަހަތަށްޓަކައި އެތާނގައި ތިބި ޑީއާރުޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން ފުލުސް އޮފީހަށް ހާޒިރުވުމަށް ފުލުހުން އެންގުމުން އެ އަމުރަށް އެ މެންބަރުން ކިޔަވަނެވެފައިވާ ކަމަށެވެ. ނަމަވެސް އެންގި ގޮތާ ހިލާފަށް ފުލުހުން އެމީހުން ދޫނިދޫއަށް ގެންދިޔަ މައްސަލަ ބަލައި ދިނުމަށް އެދި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް މިއަދު އެ މައްސަލަ ހުށަހަޅާފައިވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު އަދި ވިދާޅުވީ މިނިވަން މުއައްސަސާއެއްގެ ބޭފުޅަކު ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ބުނެ، އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ދަނިކޮށް ޑީއާރުޕީ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ބަދަލު ކުރުމީ ފުލުހުންގެ ވާޖިބާ ނުބައްދަލު އަމަލެއް ކަމަށެވެ. އެއަމަލަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދީފައިވާ ހިމާޔަތާއި ހިލާފަށް ކުއްވެރިންގެ މައްޗަށް އަމުރު ނެރޭ ބީދައިން ފުލުހުންގެ އިސްވެރިން ހިންގާފައިވާ އަމަލެއް ކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.