ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ގާނޫނާ ބެހޭ މައުލޫމާތު އާންމުންނަށް ދިނުމަށް ގައުމީ ޔުނިވާސިޓީ އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ގުޅިގެން ހާއްސަ ފޯރަމެއް މިރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

"އެސްއީޒެޑްގެ ހަ ފަރާތް މާހިރުންގެ ދުލުން" މި ނަމުގައި މިރޭ 9:00 ގައި ޓީވީއެމްގައި ބޭއްވުމަށް މި ފޯރަމްގައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އާއި އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދާއި މަޖިލީހުގެ އިގުތިސާދީ ކޮމިޓީގެ މެމްބަރު ފައްޔާޒު އިސްމާއިލާއި ގާނޫނީ ވަކީލް ސަހުދީ އަންވަރާއި އަމިއްލަ ވިޔަފާރި ކުރިއަރުވަން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށްވާ މުހައްމަދު އަލީ ޖަނާހު ބައިވެރިވަޑައިގަންނަވަ އެވެ.

އެމްބީސީގެ މީޑިއާ އޮފިޝަލް އަބްދުﷲ ރަމީޒު މިރޭ ވިދާޅުވީ އެފަދަ ފޯރަމެއް ބޭއްވުމުގެ ބޭނުމަކީ އިލްމީ ފެންވަރެއްގައި އެސްއީޒްޑްގެ ގާނޫނާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން އެ ގާނޫނުގެ ސަބަބުން ކުރާނެ ފައިދާތަކާއި ގާނޫނީ މަފްހޫމުތައް ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން ރައްޔިތުންނަށް ހާމަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ

މިރޭގެ ފޯރަމްގައި އެސްއީޒެޑް ގާނޫނާ ބެހޭ ގޮތުން އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވެސް ވާހަކަފުޅު ދައްކަވާނެ އެވެ.

ޓީވީއެމުން ލައިވްކޮށް ގެނެސް ދިނުމަށް ހަމަޖެހިފައިވާ އެ ފޯރަމްގެ އޯޑިއަންސްގައި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ބިޒްނަސް އެސޯސިއޭޝަންގެ ދަރިވަރުން ބައިވެރިވާނެ އެވެ. އަދި އެ ދަރިވަރުންނަށް އެ ގާނޫނާ ބެހޭ ގޮތުން ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލާނެ އެވެ.