03 Sep 2014, 18:10
ސިފައިންގެ އާއިލާތަކަށް ހިދުމަތް ދޭ ސެނަހިޔާ ހޮސްޕިޓަލުގެ ލެބޯޓްރީ ޓެސްޓުތައް ހެދުމަށާއި އެކްސްރޭ ނެގުމުގެ ހިދުމަތް އާންމުންނަށް ހުޅުވާލަން ނިންމައިފި އެވެ. އެގޮތަށް ނިންމީ ލެބޯޓްރީ ޓެސްޓުތަކާއި އެކްސްރޭ ނެގުމަށް އައިޖީއެމްއެޗްގެ "ބޮޑު ކިޔޫ"ގައި އާންމުން ޖެހެން ޖެހޭތީވެ އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އާންމުންނަށް އެ ހިދުމަތްތައް ހުޅުވާލައްވާނެ ކަމަށެވެ. ސެނެހިޔާއިން އެކްސްރޭ ނެގުމާއި ލެބޯޓްރީގެ ހިދުމަތްތަކަށް އެދޭ އާންމު ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައި ވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 12:00 އަށް ކަމަށް ހެލްތު މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ ސެނަހިޔާ ހޮސްޕިޓަލުން ދޭ ހިދުމަތުގައި އަގުތަކަށް ބަދަލެއް ނާންނާނެ ކަމަށާއި ވީހާވެސް އަވަހަށް މެމޯ ހެދައި އެ ހިދުމަތްތަކެއް ވީހާ ވެސް އަވަހަށް ދެއްވާނެ ކަމަށެވެ.
"އައިޖީއެމްއެޗު ހޮސްޕިޓަލެކޭ ވެސް އެއްގޮތަށް ބަލި މީހުންނަށް އައިޖީއެމްއެޗުން ދެވޭ ހިދުމަތް ދެވިގެންދާނެ. އޭގެ ތެރޭގައި އަޅުގަނޑު މިދެންނެވި ދެ ހިދުމަތް ލެބޯޓްރީ ޓެސްޓުތައް ހެދުމާއި އެކްސްރޭ ނެގުމުގެ ފުރުސަތު ހުޅުވިގެންދާނެ،" ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެގޮތަށް ހަމަޖެއްސީ ޓެސްޓު ހެދުމަށާއި އެކްސްރޭ ނެގުމަށް އައިޖީއެމްއެޗުގައި ބޮޑެތި ކިޔޫތަކެއް ހަދައިގެން ގިނަ ވަގުތު ތަކެއް ނަގަން ޖެހޭތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށެވެ.
އިންޑިޔާ ސަރުކާރުގެ އެހީގައި މިލިޓަރީ ހޮސްޕިޓަލެއްގެ ގޮތުގައި "ސެނެހިޔާ" ހުޅުވާފައި ވަނީ 2012 ވަނަ އަހަރު އެވެ.