ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟުވާން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީން ރިޟުވާންގެ އާއިލާގެ މެމްބަރުންނާއެކު އެ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީޖީ ގްރޫޕްގެ މެމްބަރުންނާއި ބައިވެރިވެ ވަޑައިގެނެވި އެވެ.

ޖުމްހޫރީ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ މުގައްރިރު ހުސައިން ޝަހުދީ މިއަދު ވިދާޅުވީ އެ ބައްދަލުވުމަކީ ރިޟުވާންގެ މަންމަ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންނާ ބައްދަލުކުރުމަށް އެދި އިއްޔެ ހުށަހެޅި ސިޓީއަކާ ގުޅިގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ރިޟުވާންގެ ހޯދުމުގެ މަސައްކަތުގައި ޖޭޕީގެ ޕީޖީ މެމްބަރުންގެ އެއްބާރުލުން ދިނުމަށް އާއިލާއިން އެދުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދު ބޭއްވި އެ ބައްދަލުވުމުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި ރިޟުވާން ގެއްލުނު މައްސަލާއާ މެދު ވަރަށް ކަންބޮޑުވާ ކަމުގައި ވިދާޅުވި އެވެ. އަދި އެ ޕާޓީގެ ޕީޖީ ގްރޫޕާ ޕާޓީން ވެސް އެ މައްސަލާގައި ދިވެހި ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަޖިލީހުގެ ތެރެއިން ދެވެން އޮތް އެއްބާރުލުމެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ޖޭޕީގެ ހުރިހާ މެމްބަރުން ވެސް ވަނީ ރިޟުވާން ގެއްލިގެން އުޅޭ މައްސަލާގައި މަޖިލީހުގެ 241 ކޮމިޓީގެ ސަބް ކޮމީޓީއަށް ހުށަހަޅާފައިވާ މައްސަލާގައި އެއްބާރުލުން ދެވެން އޮތް މިންވަރަކުން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

ރިޟުވާން ގެއްލިގެން މިމަހުގެ 13 ވަނަ ދުވަހު އާއިލާ އިން ކޮށްފައިވާ ރިޕޯޓަކާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގެ ދަށުން ހުޅުމާލެ އާއި މާލޭގެ އިތުރުން ފަޅު ރަށްތަކާއި ކަނޑާއި އެއްގަމުގައި ދުއްވާ އުޅަނދު ފަހަރުތައް ވަނީ ބަލައި ފާސްކޮށްފަ އެވެ. އަދި ފުލުހުންނާ ގުޅިގެން ސިފައިން ވެސް ގެންދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.