03 Sep 2014, 17:46
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އޭއެސްސީ މޯލްޑިވްސް އޯޕަން 2014 ކުލަގަދަ ރަސްމިއްޔާތަކާއެކު މިއަދު ފަށައިފި އެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސް (އޭއެސްސީ) އާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާއި ގުޅިގެން އެމްބީބީއޭ އިން ބާއްވާ މި މުބާރާތަކީ ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ ރާޅާ އެޅުމުގެ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި އޭޝިޔާގެ ގައުމުތަކުން މަޝްހޫރު ރާޅާއެކުޅުންތެރިން ބައިވެރިވެފައި ވެއެވެ.
ރާޅާއެޅުމުގެ ބައިނަލްއަގްވާމީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްބީބީއޭގެ ވައިސް ޕްރެޒިޑެންޓު މުހައްމަދު ޚުޝްރުވާން އަހުމަދު ވަނީ މި މުބާރާތުގެ އެކިއެކި ކަންކަމުގައި އެހީވެދިން ފަރާތްތަކަށްޝުކުރު އަދާ ކޮށްފައެވެ.
މޯލްޑިވްސް އޯޕަންސް 2014ގެ ސްޕޮންސަރުންގެ ތެރޭގައި އެލައިޑް އިންޝުއަރެންސް، ސްރީލަންކަން އެއާލައިންސް، ރެޑްބުލް، ޕްރިންޓް ލެބް، ކުޑޯ ސާރފްގެ އިތުރުން އެމްބީސީ ހިމެނެ އެވެ.
ހުދުރަންފުށި ރިސޯޓުގައި މިއަދު މެންދުރު ފަހު ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި އޭއެސްސީގެ ޖެނެރަލް މެނޭޖަރު ޓިމް ހޭން ޓިމްގެ ވާހަކައިގައި ރާއްޖޭގެ ރާޅާއެރުމުގެ ތާރީހަށް އަލިއަޅުވާލައި ވާހަކަދެއްކެވި އެވެ. އަދި ރާއްޖޭގައި ރާޅާއެޅުމުގެ ފަންނު ކުރިއެރުވުމަށް މަސައްކަތް ކުރާތީވެ، ޓިމް ވަނީ އެކަމަސް ޝުކުރު އަދާކުރައްވައިފައެވެ.
"ރާޅާއެޅުމުގެ ކޮންމެވެސް ވަރެއްގެ ތާރީހެއް ރާއްޖޭގައި އެބައޮތް. އެހެންނަމަވެސް މިވީ އަހަރު ތަކުގައި އެހާވަރަށް ކުރިއަށް ނުގެންގޮސް އޮތީ. އެހެންވީމާ ތިކުރެއްވި ބޮޑު މަސައްކަތަށް އަޅުގަނޑު ތައުރީފުކުރަން" ޓިމް ވިދާޅުވި އެވެ.
ހުދުރަންފުށީގެ "ޅޮހިސް"ގައި މިއަދު ފެށުނު ބައިނަލްއަގްވާމީ ރާޅާއެޅުމުގެ މުބާރާތް ޝަރަފުވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބުއެވެ.