"ހަޓާރީ" ބްރޭންޑުގެ ބިސްކޯދު، ރާއްޖެ އެތެރެކޮށް ވިއްކުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ފުޑް އެލާޓެއްގައި ބުނެފައިވަނީ، އެ ޕްރޮޑަކްޓް ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާކޮށްފައި ވަނީ، އެ ބްރޭންޑުގެ ބިސްކޯދު ޕެކެޓުގައި އެފަަދަ ކާނާގައި ހުރުން އެކަށީގެންނުވާ ކެމިކަލްޒާތުގެ ވަހަކާއި ރަހައެއް ހުރި ކަމަށް ފާހަގަކުރެވިގެން ކަމަށެވެ. އަދި އެކަން އިތުރަށް ދިރާސާކުރުމުގެ ގޮތުން ލެބޯޓަރީ ތަހުލީލުތައް ކުރަމުންދާ ކަަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެމްއެފްޑީއޭ އިން ބުނީ، އެ ބްރޭންޑުގެ ބިސްކޯދު ޕެކެޓުގައި ކެމިކަލްޒާތުގެ ވަހަކާ ރަހައެއް ހުރި ކަމަށް ފާހަގަކުވުމުން، އެ ބިސްކޯދު ވިއްކަން ހުރި ފިހާރަތަކަށް އެ ޕްރޮޑަކްޓްތައް ނެގުމަށް އަންގާފައިވާ ކަމަށެވެ. އަދި އެ ބިސްކޯދު އެއްވެސް ފަރާތަކުން ބޭނުން ނުކުރުމަށް ވެސް އެ އޮތޯރިޓީން އެދެ އެވެ.

އެމްއެފްޑީއޭ އިން ވަނީ، މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި "ރިއަލް ފުރުޓް ޕަވާ ޖޫސް" ވެސް ރާއްޖެ އެތެރެކޮށް ވިއްކުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ. އެ ޕެކެޓް އެތެރެކޮށް ވިއްކުން ވަގުތީ ގޮތުން މަނާކުރީ ޕެކެޓް ލޭބަލްކޮށްފައި ވަނީ އެ ޖޫހުގެ މުއްދަތު ހަމަވާ ތާރީޚު އޮޅުން އަރާ ފަދަ ގޮތަކަށް ހުރުމުންނެވެ.