އަންނަ އަހަރުގެ ޖެނުއަރީ މަހު ގައުމީ ޔުނިވާސިޓީން ފަށާ ކޯސްތަކަށް 6000 ވުރެ ގިނަ ދަރިވަރުންނަށް ޖާގަ ދޭނެ ކަމަށް ގައުމީ ޔުނިވާސިޓީން ބުނެފި އެވެ.

އަންނަ އަހަރު ޔުނިވާސިޓީން ހުޅުވާލާ ކޯސްތައް އިއުލާން ކުރުމަށް ގައުމީ ޔުނިވާސިޓީގައި މިއަދު އޮތް ޕްރެސް ކޮންފަރެންސެއްގައި ޔުނިވާސިޓީގެ ރަޖިސްޓްރާ އައިޝަތު އަލީ ވިދާޅުވީ ސެޓްފިކެޓް ތިނެއްގެ ފެންވަރުގެ ކޯސްތަކުން ފެށިގެން މާސްޓާސް ފެންވަރުގެ 202 ކޯހެއް އިއުލާންކޮށް، 6280 ޖާގަ ހުޅުވާލާފައިވާ ކަމަށެވެ.

"ގައުމީ ޔުނިވާސިޓީން އަންނަ އަހަރަށް ހުޅުވާލި ކޯސްތަކުގެ ތެރެއިން 3190 ޖާގަ އެއް މާލޭގައި ހިންގާ 98 ކޯހަކުން ލިބޭނެ. އަދި ބާކީ 104 ކޯހަކުން 3090 ޖާގައަކީ އަތޮޅު ތެރޭގައި ހުރި ޔުނިވާސިޓީގެ ކެމްޕަސްތަކުގައި ހުޅުވާލެވޭ ޖާގަ،" ރަޖިސްޓްރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަންނަ އަހަރަށް މުދައްރިސްކަމާ ގުޅޭ އެކިއެކި ދާއިރާތަކުން 1600 ޖާގަ އާއި ހޮސްޕިޓާލިޓީ، ހެލްތް، ޝަރީއާ އެންޑް ލޯ އަދި ސައިންސް ދާއިރާއިން 400 ޖާގަ ހުޅުވާލާނެ ކަމަށެވެ. އަދި ދުރުންދޭ ތައުލީމުގެ 1200 ޖާގަ ހުޅުވާލާފައިވާ ކަމަށް ވެސް އައިޝަތު އަލީ ވިދާޅުވި އެވެ.

އެ ކޯސްތައް މާލޭގައާއި އަތޮޅުގެ ތެރޭގައި ހުރި ކެމްޕަސްތަކުންނާއި ގއ. ވިލިނގިލި އަދި ޏ. ފުވައްމުލަކުގައި ހުރި ޔުނިވާސިޓީގެ އައުޓް ރީޗް ސެންޓަރުތަކުގައި ހިންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. އަލީ ޝަރީފު ވިދާޅުވީ އަންނަ އަހަރު ޔުނިވާސިޓީން އާ ކޯހެއް ނުފަށާނެ ކަމަށެވެ. ނަމަވެސް ފެކަލްޓީ އޮފް އެޑިއުކޭޝަން އިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ޓީޗަރުން ތަމްރީން ކުރުމަށް ކޯހެއް ފަރުމާކުރަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ކޯސް ފަރުމާ ކުރުމުގެ މަސައްކަތް ނިމި އަންނަ އަހަރު ފެށިގެންދާނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުނިވާސިޓީން ބުނީ، ކޯސްތަކަށް ފުރުސަތު ދެވޭނީ އެންމެ ފުރަތަމަ ފޯމުލާ ކުދިންގެ ތެރެއިން ޝަރުތު ހަމަވާ ކުދިންނަށް ކަމަށެވެ. އަދި އަތޮޅު ތެރޭގައި ތިބި ކުދިންނަށް ފުރުސަތު ބޮޑު ކޮށްދިނުމަށްޓަކައި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ މިމަހުގެ 21 ގައި ކަމަށް ޔުނިވާސިޓީން ބުންޏެވެ.