03 Sep 2014, 17:18
ކުރީގެ ތެލެސީމިއާ ސެންޓަރު އަދި މިހާރު މޯލްޑިވްސް ބްލަޑް ސާވިސްގެ ނަމަށް ބަދަލުކޮށްފައިވާ އިމާރާތަށް އެނދުގެ ވޯޑެއް އިތުރު ކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފި އެވެ. ތެލެސީމިއާ ކުދިންނަށް ފަރުވާ ދިނުމަށް ޖާގަ ތަނަވަސް ކޮށްދިނުމުގެ އިތުރު ވޯޑެއް އިތުރު ކުރުމަށް ހަވާލުކޮށްފައި ވަނީ އެމްއެސް ކާޕެންޓްރީއާ އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ. އަދި އެމްއެސް ކާޕެންޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖާ އަފްޒަލް ޝާކިރެވެ.
ހެލްތުން ބުނީ އެއް މިލިއަން ރުފިޔާގެ އެ ޕްރެޖްކްޓުގެ މަސައްކަތް ނިމޭއިރު ބަލި މީހުން ބަލާ ތިން ކޮޓަރި އާއި ލޭ އަޅާ ކުދިނަށް ހާއްސަ ފާހާނާއަކާއި އެ ކުދިންނަށް ހާއްސަ ސައި ކޮޓަރިއަކާއި ނަމާދު ކުރާ ކޮޓަރީ އަކާއި ނަރުހުންގެ ޖަގަހަޔަކާއި މުވައްޒަފުންގެ ފާހާނާއެއްގެ އިތުރުން މުވައްޒަފުންނަށް ހާއްސަ ސައި ކޮޓަރިއަކާއި އަށް އެނދުގެ ވޯޑެއް ހިމެނޭ ކަމަށެވެ.
އެ އެއްބަސްވުމުގައިވާ ގޮތުން އެގްރިމެންޓްގައި ސޮއިކުރާ ތާރީހުން ފެށިގެން 48 ދުވަސް ތެރޭ މަސައްކަތް ނިންމަން ޖެހެ އެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ މިހާތަނަށް ދިޔައިރު ތެލެސީމިއާ ކުދިންނަށް އެކަށީގެންވާ ހިދުމަތް ލިބިފައިނުވާ ކަމަށާއި އަދި އެތަނުގެ ޖާގައިގެ ދަތިކަމުގެ ޝަކުވާ ވަރަށް ގިނަ ބެލެނިވެރިންގެ ފަރާތުން އައިސްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެތަނުގެ ޖާގަ އިތުރުކޮށް ދެއްވުމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ނިންމަވާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"މި ވޯޑު ފުރިހަމަ ކުރެވުމުން އަޅުގަނޑަށް ގަބޫލު ކުރެވެނީ ތެލެސީމިއާ ކުދިންނަށް ދިމާވެފައިވާ ދަތިތައް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ،" ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ބޭސް ފޯރުކޮށްދިނުމުގައި ވެސް ތަފާތު ވިސްނުމެއް ގެންގުޅުއްވާ ކަމަށާއި އެގޮތުން އެސްޓީއޯ މެދުވެރިކޮށް ހުޅުވާ ބޭސް ފިހާރަތަކުން ތެލެސީމިއާ ކުދިންނަށް ބޭސް ލިބެނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށެވެ. އެގޮތަށް ހެދުމުން ރަށް ރަށުގައި ތިބޭ ކުދިން މާލެ ނައިސް ބޭސް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ހއ. އިހަވަންދޫގައި ސިއްހީ މަރުކަޒުގެ ޖާގަ ކުޑަވުމާއި ގުޅިގެން އެމަރުކަޒުގެ ޖާގަ އިތުރުކުރުމުގެ ގޮތުން އާ އިމާރާތެއް އެޅުމަށް މިހާރު އިއުލާން ކޮށްފައިވާ ކަމަށެވެ. އަދި މިހާރު 23 ތަނެއްގައި ޓެންޑަ މަރުހަލާގައި 23 ތަނެއް އޮތް އިރު، ފަސް ތަނެއްގެ މަސައްކަތް ބިޑު އެވޯޑް ކުރާ މަރުހަލާގައި އޮތް ކަމަށެވެ.
"ސިއްހީ ހިދުމަތްތައް ދިނުމަށް އަޅުގަނޑުމެން މި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. ހާއްސަ ގޮތެއްގައި އާބާތުރަ ފިލުމަށްޓަކައި އިރާދަކުރެއްވިޔާ ކުރިއަށް އޮތް ދުވަސް ތަކުގައި މަސައްކަތްތަކެއް ކުރެވޭނެ،" ނާޒިމް ވިދާޅުވި އެވެ.