ލަންޑަންގެ ހަމްޔާޑް ހޮޓެލްގައި ކުރިއަށް ގެންދިޔަ "ކޮންޑް ނާސްޓް ޓްރެވްލާ ރީޑާސް ޓްރެވަލް އެވޯޑްސް 2014"ގެ "ފޭވަރިޓް އައިލެންޑްސް ޑެސްޓިނޭޝަން" ކެޓަގަރީ ގެ އެވޯޑް ރާއްޖެއަށް ލިބިއްޖެ އެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން ދޭ އެ އެވޯޑްގައި "ފޭވަރިޓް އައިލެންޑްސް ޑެސްޓިނޭޝަން" ކެޓަގަރީން ރާއްޖެއާއި ވާދަކޮށްފައި ވަނީ ގްރީކް އައިލެންޑްސް އާއި ސިސިލީ އެވެ. ރާއްޖެއަށް އެވޯޑް ލިބުމުން އެ އެވޯޑާ ހަވާލުވެވަޑައިގަތީ އެ ގައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަރު އަހްމަދު ޝިއާން އެވެ.

އެ އެވޯޑްގެ އެކި ކެޓަގަރީތަކަށް އެކި ފަރާތްތައް ހޮވާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަޝްހޫރު ނޫހެއް ކަމަށްވާ ޔޫކޭގެ "ކޮންޑް ނާސްޓް ޓްރެވްލާ" މެގަޒިންގެ ކިޔުންތެރިން ދޭ ވޯޓުންނެވެ. އެގޮތުން ރާއްޖެއަށް "ފޭވަރިޓް އައިލެންޑްސް ޑެސްޓިނޭޝަން" ކެޓަގަރީން އެވޯޑް ލިބިފައިވާ އިރު ފާހަގަކޮއްލެވޭ އެހެން އެވޯޑްތަކެއް ވެސް ވަނީ އެކި ގައުމުތަކުން ހޯދާފަ އެވެ. އެގޮތުން އެންމެ ކަމުދާ ގައުމަކަށް އިޓަލީ ހޮވިފައިވާ އިރު ހޮލިޑޭސް ހޭދަކޮއްލަން ބްރިޓިޝް އެއާވޭސް އަދި އެންމެ ރަނގަޅު އެއާ ސަޕޯޓަކަށް ވަނީ ސިންގަޕޫރު ހޮވިފަ އެވެ.

އެ އެވޯޑް ރާއްޖެއަށް ލިބުމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ ޓޫރިޒަމް ދާއިރާގައި ޔުނައިޓެޑް ކިންގްޑޮމް (ޔޫކޭ) އަކީ އެންމެ ފާހަގަކޮއްލެވޭ އެއް މާކެޓް ކަމަށެވެ. އަދި އެފަދަ އެވޯޑެއް ޔޫކޭގައި ރާއްޖެއަށް ލިބުމަކީ ފަހުރެއް ކަމަށާއި ޔޫކޭގައި ރާއްޖެ އިޝްތިހާރުކޮށް ޕްރޮމޯޓް ކުރުމަށް ލަންޑަންގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ކުރި މަސައްކަތް ފާހަގަކުރައްވާ ކަމަށެވެ. އަދި އެވޯޑް ލިބުމަކީ އެ މަސައްކަތުގެ ނަތީޖާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

މިއަހަރު މިހާތަނަށް އައިއިރު ރާއްޖެއަށް ޔޫކޭގެ 51000 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. އެއީ 2013 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 3.4 ޕަސެންޓް ކުރިއެރުމެކެވެ.