ބޭންކް އޮފް މޯލްޑިވްސް އިން ރަމަޟާން މަހަށް ޚާއްސަކޮށްގެން ކުރިއަށްގެން ދިޔަ "ރޯދަ ވެދުން" ޕްރޮމޯޝަންގެ ގްރޭންޑް ވިނާ އަށް ހޮވުނު ފަރާތަށް 100،000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްފި އެވެ.

ގްރޭންޑް ވިނާ އަށް ހޮވުނު ނަސީބުވެރިޔަކީ މާފަންނު ޝަމާހު ރަޝީދެވެ.

މިއަދު މެންދުރު ފަހު ބީއެމްއެލްގެ މަޖީދީމަގު ބްރާންޗުގައި ބޭއްވި ރަސްމިއްޔާތެއްގައި 100،000 ރުފިޔާގެ ޗެކް ޝަމާހު ރަޝީދު އަށް ހަވާލުކޮށްދެއްވީ ބޭންކުގެ ބޯޑު މެމްބަރު އަދި އޮޕަރޭޝަންސް ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.

މި އަހަރު 26 ޖޫން އިން ފެށިގެން އީދު ތިން ދުވަހާ އެކު 30 ޖުލައި 2014 އާ ހަމައަށް ކުރިއަށް ދިޔަ އެ ޕްރޮމޯޝަންގައި ބީއެމްއެލް އިން ދޫކޮށްފައިވާ ކާޑެއް ބޭނުންކޮށްގެން ހޭދަކުރި އަދަދުގެ ތިން ގުނަ އަނބުރާ ހޯދުމުގެ ފުރުސަތު ދިނެވެ. އެ ޕްރޮމޯޝަންގެ މުއްދަތުގައި ބީއެމްއެލް ކާޑަކުން ބީއެމްއެލް ޕީއޯއެސް މެދުވެރިކޮށް ވިޔަފާރި ކުރި ހުރިހާ ފަރާތްތައް ބައިވެރިކުރި ކަމަށް އެ ބޭންކުން ބުންޏެވެ.

އެ ގޮތުން ރޯދަ ވެދުން ޕްރޮމޯޝަންގެ ގްރޭންޑް ވިނާގެ އިތުރުން ކޮންމެ ހަފްތާއަކު ތިން ފަރާތެއް ހޮވައި ޖުމްލަ 15 ކަސްޓަމަރުންނަށް ވަނީ ފައިސާގެ އިނާމުދީފަ އެވެ.