ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތައް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާ ގޮތަށް ފުލުހުންގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏ މިއަދު ތައްސްދީގު ކުރައްވައިފި އެވެ.

‏މިދިޔަ އޮގަސްޓް މަހުގެ 28 ވި ބުރާސްފަތި ދުވަހު އޮތް ‏ރައްޔިތުންގެ މަޖިލީހުގެ ‏‏ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރި ފުލުހުންގެ ގާނޫނަށް އިސްލާހުގެނައުމުގެ އެ ބިލް ރައީސް ތަޞްދީގު ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ އެ ބިލް ދިވެހި ‏‏ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކޮށްފައެވެ.

އެ ގާނޫނުގައި ކުރިން ބަޔާންކޮށްފައި ވަނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން މައްސަލަތައް ތަހުގީގު ކުރުމަށްފަހު ހުށަހަޅަންޖެހޭނީ އެޓާނީ ޖެނެރަލްގެ އޮފީހަށް ކަމަށެވެ. ގާނޫނުގައި އެގޮތަށް ބަޔާން ކުރިނަމަވެސް އާ ގާނޫނު އަސާސީގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް އުފެދުމާއެކު، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތައް ހުށަހަޅަމުން ދިޔައީ އެ އޮފީހަށެވެ.

ގާނޫނުއަސާސީއާ ފުށުއަރާގޮތަށް ގާނޫނުތަކުގައި ހުރި ކަންތައް އިސްލާހު ކުރުމަށް އިސްކަމެއް ދިނުމަށް ނިންމާފައިވާ ކަމަށް ޕީޕީއެމް އިން ވަނީ ބުނެފަ އެވެ.