03 Sep 2014, 16:01
މއ. އައިޝާ، ހުސައިން ވަހީދު މަރާލި މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ ދެ ކުދީންނާ ދެކޮޅަށް 13 މީހެއްގެ ހެކި ހުށަހަޅައިފި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހުސައިން ވަހީދަށް ތޫނުއެއްޗަކުން ހަމަލާދީ އޭނާ މަރާލިކަމުގެ ދައުވާ ދައުލަތުން އުފުލާފަވީ އުމުރުން 16 އަހަރުގެ ދެ ކުދީންގެ މައްޗަށެވެ.
އުމުރުން 16 އަހަރުގެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. އަނެއް ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު 'ސަން'އަށް ވިދާޅުވީ، ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކުއްޖާއާ ދެކޮޅަށް ދައުލަތުން މިއަދު ވަނީ، އަށް މީހެއްގެ ހެކި ހުށަހަޅާފައި ކަމަށެވެ. އަދި ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކުއްޖާއާ ދެކޮޅަށް ދައުލަތުން ފަސް މީހެއްގެ ހެކި ހުށަހަޅާފައިވާ ކަަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، 13 މީހުންގެ ހެކީގެ އިތުރުން ދައުލަތުން ވަނީ އެ މައްސަލައާ ގުޅިގެން މެޑިކޯ ލީގޯ ރިޕޯޓާއި، މަރު ސާބިތުކުރި ކަމުގެ ލިޔުމާއި ފޮޓޯ ރިޕޯޓުގެ އިތުރުން ސީން އޮފް ކްރައިމް ރިޕޯޓު ވެސް ހުށަހަޅާފައި ކަމަށެވެ.
ހުސައިން ވަހީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ކުރާ ދައުވާ ރައްދުވާ ފަރާތަށް ދިފާއުގައި ހެކި ހުށަހެޅުމުގެ ފުރުސަތު ދިނުމުން އެފަރާތުން އެ ފުރުސަތު ބޭނުން ނޫންކަމަށް ބުނެފައިވާ ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައި ވަނީ އެ ދެ ކުދިންގެ ތެރެއިން އެއްކުއްޖަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ 10:30 އެހައިކަން ހާއިރު، ހުސައިން ވަހީދު މއ. އައިޝާގޭ، ކައިރީގައި ހުއްޓައި، އިތުރު ބަޔަކާ އެކު އެތަނަށް ގޮސް ތިލައިގައި ހަ އިންޗި ހުންނަވަރުގެ ވަޅިއެއް އޭނާގެ މެޔަށް ހަރާލާފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.
ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ފުރަތަމަ ކުއްޖާ ހުސައިން ވަހީދުގެ މެޔަށް ވަޅި ހެރުމަށްފަހު ދެވަނަ ކުއްޖާ އިން ސައިކަލްގެ ފަހަތަށް އެރުމުން އެ ކުއްޖާ ގޮވައިގެން ދެވަނަ ކުއްޖާ އެތަނުން ގޮސްފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ، މި މައްސަލައިގެ އަޑުއެހުންތައް، މި މިމަހުގެ 15، 23، 30 އަދި އަންނަ މަހުގެ 9 އަކާއި 16ގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ކަމަށެވެ.