ގުއާޓެމާލާ ސިޓީ އާއި 150 ކިލޯމީޓަރު ހުޅަނގުގައި އޮންނަ އަވަށެއްކަމަށްވާ "ސެން ހުއާން ލަ ލެގޫނާ" ގައި ދިރިއުޅެމުން އައި ޔަހޫދީންގެ ބައިގަނޑެއް ކަމަށްވާ "ލެވް ޓާހޯރް" އެ އަވަށުން ނެރެލައިފި ކަމަށް އަލްޖަޒީރާ އިން ބުނެފި އެވެ.

ސެން ހުއާން ލަ ލެގޫނާގެ ރައްޔިތުން ވަނީ އެ ޔަހޫދީންނަށް އަނގަބަހުން ހަޑިހުތުރު ބަސްބުނެފައި ކަމަށާއި ޔަހޫދީންގެ އެ ބައިގަނޑު އުޅޭ ސަރަހައްދުން ކަރަންޓާއި ފެން ކަނޑާލައިގެން ނަމަވެސް ގަދަކަމުން އެތަނުން ނެރެލާާނެ ކަމުގެ އިންޒާރު ވެސް އެމީހުންނަށް ދީފައިވާ ކަމަށް އަލްޖަޒީރާ އިން ބުންޏެވެ.

"އެމީހުން ބުނީ އަހަރުމެން ގަދަކަމުން އެއަވަށުން ނެރެލާނެކަމަށް،" ޔަހޫދީންގެ ޖަމިއްޔާއެއް ކަމަށްވާ 'ލެވް ޓާހޯރް'ގެ ލީޑަރު ރެބައި ޔޫރިއަލް ގޯލްޑްމަން ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި ބުނިކަމަށް އަލްޖަޒީރާގައި ވެއެވެ.

ގާތްގަނޑަކަށް 200 އަށް ވުރެ ގިން ޔަހޫދީން އެކުލެވޭ އެ ޖަމިއްޔާގެ 60 ވަރަކަށް މެމްބަރުން މިހާރު ވަނީ އެ އަވަށުން ބޭރުކޮށްލާފައި ކަމަށާއި ގުއާޓެމާލާގެ އެހެން ސަރަހައްދެއްގައި އެމީހުން އަނެއްކާ ވެސް ދިރިއުޅުން ފެށުމަށް އުއްމީދުކުރާ ކަމަށް ވެސް ގޯލްޑްމަން ބުނެފައި ވެއެވެ.

މިއަހަރުގެ މާާޗުމަހުން ފެށިގެން ސެން ހުއާން ލަ ލެގޫނާގައި ދިރިއުޅެމުން އައި އެ ޔަހޫދީން އެއަވަށުން ނެރެލަން ނިންމާފައި ވަނީ އެ އަވަށުގެ އެންމެ އިސް ކައުންސިލްގެ ވޯޓުން އެކަން ފާސްވެގެން ކަމަށާއި އެފަދަ ހަރުކަށި ފިޔަވަޅެއް އަޅާފައިވަނީ ޔަހޫދީން އެ އަވަށުގެ ރައްޔިތުންނާ ދޭތެރޭ ނޭދެވޭ ގޮތްގޮތަށް އަމަލު ކުރުމުން ކަމަށް އޭޕީ ނޫސް އޭޖެންސީ އިން ބުނެފައި ވެއެވެ.

އަލްޖަޒީރާގައި ބުނެފައި ވަނީ، 'ލެވް ޓާހޯރް'، ސެން ހުއާން ލަ ލެގޫނާއަށް ހިޖުރަކުރުމުގެ ކުރިން ދިރިއުޅެމުން އައީ ކެނެޑާގައި ކަމަށެވެ. އަދި އެ ގައުމުގެ ސަރުކާރާއި ވެސް އެ ޔަހޫދީ ޖަމްއިއްޔާއާ ޚިޔާލު ތަފާތުވެ ހިތްހަމަނުޖެހުން ހިނގާފައިވާ ކަމަށް ވެސް އަލްޖަޒީރާ އިން ބުންޏެވެ.

ލެވް ޓާހޯރް އަކީ، އިސްރާއީލުގައި ހަރަކާތްތެރިވި ޔަހޫދީ ދީނީ ލީޑަރެއް ކަމަށްވާ، ޝްލޮމޯ ހެލްބްރަންސް އިސްވެ ހުރެގެން 1980ގެ އަހަރު ތަކުގައި އުފެއްދި އެންޓި-ޒަޔަނިސްޓް ޖަމާއަތެކެވެ.