ދިވެހި ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން މިއަންނަ އަހަރު ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާ އިރު އެ ދުވަހާދިމާކޮށް ދިވެހި ފައިސާގެ މުޅިން އައު ނޫޓުތަކެއް އައު ޑިޒައިން އަކާ އެކު ނެރެން ނިންމާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނީ "ރަންދިހަ ފަހެއް" ސީރީޒްގެ ނަމުގައި ނެރުމަށް ނިންމާފައިވާ ދިވެހި ރުފިޔާގެ އެ ނޫޓް ސެޓް ޑިޒައިންކުރުމުގެ ފުރުސަތު މިހާރު އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ދިވެހި ރުފިޔާގެ އެ ނޫޓް ސެޓްގައި މުޅިންއާ އެންމެ ފަހުގެ ސަލާމަތީ ފިޔަވަޅުތައް ހިމެނޭނެ ކަމަށާއި މިހާރު ބޭނުން ކުރާ ނޫޓްތަކުގައި ހުންނަ ޑިޒައިންގެ ބަދަލުގައި އެ ނޫޓްތަކުގައި ހުންނާނީ މުޅިން އާ ޑިޒައިނެއް ކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ.

ނޫޓްސެޓް ޑިޒައިން ކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވާ އިރު އެންމެ ރަނގަޅު ކޮންސެޕްޓެއް ހުށަހަޅާ ފަރާތަކަށް، 300،000 ރުފިޔާގެ އިނާމެއް ދޭން އެމްއެމްއޭ އިން ވަނީ ނިންމައިފަ އެވެ. އަދި ކޮންސެޕްޓް ހުށަނޭޅި ނަމަވެސް ހަމައެކަނި ނޫޓްގެ ޑިޒައިން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ޑިޒައިންތަކަކަށް 13،000ރުފިޔާގެ އިނާމެއް ދޭން ނިންމާފައިވާ އިރު މިނިވަން 50 އާ ދިމާކޮށް ނެރޭ ހަނދާނީ ނޫޓަށް ވެސް އެންމެ ރަނގަޅު ޑިޒައިނެއް ހުށަހަޅާ ފަރާތަކަށް 50،000 ރުފިޔާގެ އިނާމެއް ދޭން ވަނީ ނިންމައިފަ އެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި މުޅިން އާ ނޫޓް ސެޓެއް ނެރެން ނިންމީ، ދިވެހި ރުފިޔާގެ ނޫޓުތަކުގައި ހިމެނޭ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރެވެން އޮތީ މިހާރު ގެންގުޅޭ ނޫޓްގެ ބަދަލުގައި މުޅިން އާ ނޫޓްތަކެއް ތަފާތު ޑިޒައިނަކާ އެކު ތައާރަފުކޮށްގެން ކަމަށެވެ.

އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް މި މަހުގެ 11 ވަނަ ދުވަހާއި 13 ވަނަ ދުވަހު މައުލޫމާތު ސެޝަންތަކެއް އެމްއެމްއޭ އިން ބާއްވާ އިރު ނޫޓް ޑިޒައިން ކުރަން ޝައުގުވެރިވާ ފަރާތްތަކުން އެ ސެޝަންތަކުގައި ބައިވެރިވުމަށް އަންނަ އަންގާރަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ރަޖިސްޓްރީކުރަން ޖެހެ އެވެ.