މާލެ އާއި ވިލިމާލޭގެ އިތުރުން ހުޅުމާލޭގެ ފެރީ ގިމަތަތަކުގައި ހަރުކޮށްފައިވާ ކެމެރާތައް ފުލުހުންގެ ކެމެރާ ވިޔުގައާ ގުޅާލުމާ ގުޅޭ ގޮތުން ފުލުހުންނާއި އެމްޓީސީސީއާ ދެމެދު މަޝްވަރާކޮށްފި އެވެ.

ފުލުހުން ބުނީ އިސްކަންދަރު ބިލްޑިންގައި މިދިޔަ ހޯމަ ދުވަހު އޮތް ބައްދަލުވުމުގައި މާލޭ އާއި ވިލިމާލޭގެ އިތުރުން ހުޅުމާލޭގެ ފެރީ ގިމަތަތަކުގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ހާލަތާ ބެހޭ ގޮތުންނާއި އިތުރު ކެމެރާ ހަރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ފެރީ ގިމަތަތަކުގައި ހަރުކޮށްފައިވާ ކެމެރާ ސިސްޓަމްތައް ފުލުހުންގެ ކެމެރާ ވިޔުގަ ތެރެއިން މޮނިޓަކޮށް ބެލެހެއްޓުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފެރީ ޓާމިނަލްތަކުގައި ހުރި ކެމެރާތައް ފުލުހުންގެ ކެމެރާ ވިޔުގައާ ގުޅާލުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ އިރު، މިދިޔަ މަހުގެ ކުރީ ކޮޅުން ފެށިގެން ގެއްލިގެން ހޯދަމުންދާ ރިލްވާންގެ މައްސަލައިގައި ވަނީ ހުޅުމާލެ ފެރީ ޓާމިނަލްގެ ކެމެރާތައް ބަލައިފަ އެވެ.

ފުލުހުން ބުނީ ފުލުހުންގެ ތެރޭގައި ތިބި ކަމުގެ ތަޖުރިބާ ހުރި ފުލުހުން ބޭނުންކޮށްގެން ފެރީ ގިމަތަތަކުގައި ކެމެރާ ހަރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢިލް ނަވީން އާއި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑް ޑެޕިއުޓީ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އާއި މާލެ ސިޓީ ޕޮލިސްގެ މާފަންނު ޕޮލިސް ސްޓޭޝަނާއި ގަލޮޅު ޕޮލިސް ސްޓޭޝަނާއި ވިލިމާލެ އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުން ބައިވެރިވެފައިވާ އިރު އެމްޓީސީސީގެ ފަރާތުން އެމްޓީސީސީގެ ޖެނެރަލް މެނޭޖާ އިސްމާއިލް އަދުހަމް އާއި އެތަނުގެ ބައެއް ސީނިއަ މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވި އެވެ.