ރ. އަތޮޅު އިފުރަށް ބޮޑު ހިލަ ބާލަމުން ގެންދިޔަ ބަނޑަކާއި ޓަގެއް މިއަދު ހެނދުނު އައި ކޮޅިގަނޑެއްގައި ކަހާލައިގެން ގޮސް ރަށުގެ ހުޅަނގު ފަރާތުގެ ފަރަށް އަރައިފި އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ހެނދުނު 7 ޖަހާ އެހާކަންހާ އިރު އައި ބާރު ގަދަ ކޮޅިގަނޑެއްގައި އެމްއެމް އެކްސްޕޯޓްގެ ބަނޑާއި ޓަގު ކަހާލައިގެން ގޮސް ވަރަށް ބޮޑަށް ފަރަށް އަރާފައިވާ ކަމަށެވެ. އަދި އެ ހާދިސާ ހިނގި އިރު ބަނޑާއި ޓަގުގައި ވެސް ބިދޭސީން މަސައްކަތުގައި ތިބި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ރ. އަތޮޅު އިފުރަށް ހިލަވެލި ހިފައިގެން ދިޔަ ބަނޑަކާއި ޓަގެއް ފަރަށް އަރާފައި --- ސަން ފޮޓޯ: ކިޔުންތެރިއެއް


އޭނާ ބުނީ އެ ހާދިސާ ހިނގި އިރު ބަނޑުން ބޮޑު ހިލަ ބޭލުމުގެ މަސައްކަތުގެ ބޮޑުބައެއް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އަދި ފަރުމަތީގައި އޮތް ބަނޑާއި ޓަގު ބޯޓު ފުންކުރުމުގެ މަސައްކަތް ފެށޭނީ ބޮޑުދިޔަވުމުން ކަމަށް ވެސް އޭނާ ބުންޏެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ކަނޑުމަތީގެ އެފަދަ ހާދިސާއެއް އަދި ރިޕޯޓްކޮށްފައި ނެތް ކަމަށެވެ.
ރ. އަތޮޅު އިފުރަށް ހިލަވެލި ހިފައިގެން ދިޔަ ބަނޑަކާއި ޓަގެއް ފަރަށް އަރާފައި --- ސަން ފޮޓޯ: ކިޔުންތެރިއެއް


ރ. އަތޮޅު އިފުރަކީ އެ އަތޮޅުގައި އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ރަށެކެވެ.