03 Sep 2014, 12:50
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތަށް ބޭންކް އޮފް ސިލޯނުން ނަގަން ނިންމާފައިވާ 30 މިލިއަން ޑޮލަރުގެ ލޯންގެ އެގްރިމެންޓުގައި މިއަންނަ ހަފްތާގައި ސޮއިކުރެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީ އިން ކުރިން ބުނެފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމަށް ބޭންކް އޮފް ސިލޯނުން ދިނުމަށް ހަމަޖެހިފައިވާ ލޯނު އެއްބަސްވުމުގައި މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ސޮއިކުރެވޭ ވަރު ވާނެ ކަމަށެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ އެ އެއްބަސްވުމުގައި މިހާތަނަށް ސޮއިކޮށްފައެއް ނުވެ އެވެ.
އެޗްޑީސީގެ ޗެއާމަން ހަސަން ޒިޔަތު މިއަދު ސަން އަށް ވިދާޅުވީ ސިލޯން ބޭންކުން ނަގާ އެ ލޯން އެޗްޑީސީ އަށް ދިނުމަށް އެ ބޭންކްގެ ކުރެޑިޓް ކޮމެޓީ އިން ފާސްކޮށްފައިވާ ކަމަށާއި އެ ލޯނާ މެދު ގޮތެއް މިއަންނަ ހުކުރު ދުވަހު ބާއްވާ އެ ބޭންކްގެ ބޯޑު މީޓިން އިން ނިންމާނެ ކަމަށެވެ.
"އަޅުގަނޑަށް ޔަގީންކަން އެބައޮތް އެލޯން ހަމަޖެހޭނެ ކަމުގެ، ސަބަބަކީ އެ ބޭންކްގެ ކުރެޑިޓް ކޮމެޓީ އިން ފާސްކޮށްފައި އޮތުން، ދެން އަންނަ ހަފްތާގައި އެގްރިމެންޓްގައި ސޮއިކުރެވޭވަރުވާނެ،" ޒިޔަތު ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވީ މަސައްކަތްތައް ކުރިއަށް ދަނީ ކުރިން ރޭވިފައިވާ ގޮތުގެ މަތިން ކަމަށާއި އެގޮތުން މި މަހުގެ ތެރޭގައި ހުޅުމާލެ ހިއްކަން ބޭނުންކުރާ އާލާތްތައް ރާއްޖެ ގެންނާނެ ކަމަށެވެ.
ޒިޔަތު ވިދާޅުވީ މި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުޅުމާލެ ހިއްކުމުގެ މަސައްކަތް ނިމި މަގުތައް ހެދުމުގެ މަސައްކަތް ފެށޭނެ ކަމަށާއި އަދި މި އަހަރުގެ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ހުޅުމާލެ ވަށައި ތޮށިލައި ނިމޭނެ ކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމަށް ބެލްޖިއަމްގެ ޑްރެޖިން އިންޓަނޭޝަނަލް އާ އެކު ފްރޭމްވޯކް އެގްރިމެންޓެއްގައި ރަސްމީކޮށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފޭހަށް ޖުމްލަ 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށެވެ.
އެގޮތުން އެ މަސައްކަތަށް ބޭންކް އޮފް ސިލޯން (ބީއޯސީ)ން 30 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ނިންމާފައިވާ އިރު، އަނެއް 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) ހަރަދުކުރާނީ އެޗްޑީސީގެ ރިޒާވުން ކަމަށް ސުހައިލު ވިދާޅުވި އެވެ.
ހުޅުމާލޭ ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ނިންމާފައި ވަނީ ފަރުކޮޅުފުއްޓާ ދިމާލުން 240 ހެކްޓަރެވެ. އެއީ 100،000 މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ހިއްކާ ސަރަހައްދެއް ކަމަށް އެޗްޑީސީން ބުނެ އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 188 ހެކްޓަރުގެ ބިމަކީ 60،000 މީހުންގެ ބޯހިޔާ ވަހިކަމަށް އަމާޒުކޮށްގެން 1997 ވަނަ އަހަރު ފެއްޓި މަޝްރޫއު އެކެވެ.