ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް އާއިލާގެ ހަތަރު ބޭފުޅުންނާ އެކު ސިންގަޕޫރުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

އެ ޕްރޮމޯޝަނާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިރާގުގެ އެސިސްޓެންޓް މެނޭޖާ މާކެޓިން ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލް ވިދާޅުވީ މުޅިން އަލަށް ދިރާގު ޕޯސްޓްޕެއިޑް ޕެކޭޖެއް ނަންގަވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ޕޯސްޓްޕެއިޑް ޕެކޭޖު ނެގުމާ އެކު އެ ނަންބަރެއް ލަކީޑްރޯގައި ހިމެނިގެންދާނެ ކަމަށާއި ޕްރޮމޯޝަންގެ ތެރޭގައި ޕޯސްޓްޕެއިޑް ޕެކޭޖެއް ނަންގަވާ ކޮންމެ ކަސްޓަމަރެއްގެ ފުރަތަމަ މަހުގެ މަހުފީ އިން 50 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މިވަނީ ނަމްބާ ފްލެކްސިބިލިޓީ ވެސް ތައާރަފުކޮށްފައި. އޭގެ ސަބަބުން ޕްރިޕެއިޑް ކަސްޓަމަރުން ޕޯސްޓްޕެއިޑަށް ބަދަލުކުރައްވަން ބޭނުންވާ ނަމަ މި ޕްރޮމޯޝަން މެދުވެރިކޮށް ވަރަށް އަގުހުރި އިނާމުތަކަކާ އެކު އެކަން ކޮށްލުމުގެ ފުރުސަތު ލިބިގެން ދާނެ،" އިމްޖާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި މިހާރު ދިރާގުން ތައާރަފްކޮށްފައިވާ ތަފާތު ހަ ވައްތަރުގެ ޕޯސްޓްޕެއިޑް ޕެކޭޖްތަކުގެ ތެރެއިން ޕެކޭޖެއް "މުޅިން އަލަށް" ނަގައިފި ނަމަ އެއިން ކޮންމެ ޕެކޭޖަކަށް ވެސް ފުރަތަމަ މަހުގެ މަހުފީ އިން 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށާއި އެ ނަންބަރެއް ޕްރޮމޯޝަންގެ ލަކީޑްރޯގައި ހިމެނިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް އާއިލާގެ ހަތަރު ބޭފުޅުން ނުވަތަ ރައްޓހިންގެ ވެސް ހަތަރު ބޭފުޅަކު ގޮވައިގެން ސިންގަޕޫރުގައި ޗުއްޓީ ހޭދަކޮށްލަން ފުރުސަތު ލިބޭ އިރު އޭގެ ތެރޭގައި ދެކޮޅު ޓިކެޓާއި ހުރުމުގެ ހަރަދާއި ސިންގަޕޫރުގެ ހާއްސަ ތަންތަން ބަލާލުމުގެ ދަތުރަކާއި ދަތުރު އެލަވަންސެއް ވެސް ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ. އޭގެ ތެރޭގައި ނައިޓް ސަފާރީ އާއި ގާޑަން ބައިދަބޭ އަށް ޒިޔާރަތްކޮއްލުމުގެ އިތުރުން ޔުނިވާސަލް ސްޓޫޑިއޯ އަށް ޒިޔާރަތްކޮއްލުމުގެ ފުރުސަތު ލިބެ އެވެ.

އެ ޕްރޮމޯޝަން ކުރިއަށް ދާނީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ނޮވެމްބަރު މަހުގެ މެދުތެރޭގައި ނަސީބުވެރިޔާ ހޮވުމަށް ފަހު ޑިސެމްބަރު މަހުގެ ބޮޑު ޗުއްޓީގައި ސިންގަޕޫރަށް ދިއުމުގެ ފުރުސަތު ލިބޭނެކަމަށް ދިރާގުން ބުނެ އެވެ.